ފަތުރުވެރިން ރާއްޖެ އަންނަ އިރު، ޑިއުޓީ ނުދައްކާ ވަކި މިންވަރަކަށް ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކުރެވޭ ގޮތް އަލުން ހަދައިފިއެވެ.
މިއަދު އަމަލުކުރަން ފެށި އާ ގަވައިދުގެ ދަށުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަމިއްލަ ބޭނުމަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުގެ ތެރެއިން އެއް ކާޓަންގެ ސިނގިރޭޓަށް (200 ސިނގިރޭޓު)، ނުވަތަ 25 ސުއްޓާ އަށް، ނުވަތަ 250 ގްރާމްގެ ދުންފަތަށް ޑިއުޓީ ނުނަގާނެއެވެ.
ކަސްޓަމްސްގެ ހިދުމަތުން ބުނީ، އާ ގަވައިދުގައި ބަޔާންކޮށްފައިވާ އަދަދުތަކަށް ވުރެ ގިނައިން ދުންފަތުގެ ބާވަތްތައް އެތެރެކުރާ ނަމަ، އެ ތަކެތި ހިފަހައްޓާނެ ކަމަށެވެ. އެ ތަކެތި 30 ދުވަސް ވަންދެން ހިފަހައްޓާފައި ހުންނާނެ ކަމަށާއި، އެހެންކަމުން ރާއްޖެ ދޫކޮށް ދިއުމުގެ ކުރިން އެ ތަކެތި ވެލާނާ އެއާޕޯޓުގެ ކަސްޓަމްސްގެ ކައުންޓަރުން ނެގުމަށް، އެ ހިދުމަތުން ފަތުރުވެރިންނަށް އިލްތިމާސްކުރެއެވެ.
ސަރުކާރުން ވަނީ މި މަހުން ފެށިގެން ދުންފަތާއި ވޭޕުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، އަންނަ ހުކުރު ދުވަހުން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރުން މަނާކުރަން ނިންމައި، އޭގެ އެއް މަސް ފަހުން ވޭޕް އެއްކޮށް މަނާކުރަން ނިންމައިފައެވެ. އެއާއެކު ސިނގިރޭޓު ފޮށްޓެއްގެ އަގު އުފުލި، ވޭޕްގެ ވިޔަފާރިކުރާ ބައެއް ތަންތަން މި ވަނީ ބަންދު ވެސް ކޮށްފައެވެ.
ހަމަ އެއާއެކު ދުންފަތާއި ވޭޕްގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅަން ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ވެސް ސަރުކާރުން ވަނީ އިސްލާހެއް ހުށަހަޅައިފައެވެ. އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް، އިސްލާހު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވަނީ ނިންމައިފައެވެ.