ދުންފަތާއި ވޭޕުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ނިންމި ނިންމުމަށް އަމަލުކުރަން މިއަދު ފަށައިފިއެވެ.
ދުންފަތާއި ވޭޕުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް އުނިއިތުރެއް ގެނައުމެއް ނެތިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އިސްލާހު ތަސްދީގުކުރެއްވީ ރޭގެ ވަގުތެއްގައެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަކީ ސިނގިރޭޓާއި ބިޑިންނާއި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ 25 ޕަސެންޓުން 50 ޕަސެންޓަށް އިތުރުކޮށް، ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން ނަގާ ތިން ރުފިޔާ އަށް ރުފިޔާ އަށް ބޮޑުކުރުމަށާއި، އީ-ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ކެމިކަލްތަކާއި ފްލެވާތަކުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 50 ޕަސެންޓު ނަގައި ކޮންމެ މިލިލީޓަރަކަށް އަށް ރުފިޔާ އިތުރުކުރުމަށެވެ.
މީގެ އިތުރުން ދެން އެ އިސްލާހުގައި ހުށަހަޅާފައިވަނީ އީ-ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުން ނަގާ 25 ޕަސެންޓުގެ އިމްޕޯޓް ޑިއުޓީ 200 ޕަސެންޓަށް އިތުރުކޮށް، ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް ހުންނަ ދުންފަތުގެ އުފެއްދުންތައް އެއާ އެއްފަދަ މުދަލުގެ ބާވަތެއްގެ ގޮތުގައި ހިމެނުމަށް ވެސް ހުށަހެޅިއެވެ.
ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ވޭޕުން ޑިއުޓީ ނެގޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ އެ ދުވަހުން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި ވަކި ބައިތައް އެ ދުވަހުން ފެށިގެން އެތެރެކުރުން މަނާވާނެތީއެވެ. އޭގެ މަހެއްހާ ދުވަސް ފަހުން ވޭޕް މުޅިންހެން މަނާވާނެއެވެ.
އެހެންކަމުން މިއަދު މި ގާނޫނު އިސްލާހުވުމާ ގުޅިގެން މި ނޮވެމްބަރު މަސް ނިމުމުގެ ކުރިން މި ގާނޫނުގެ ދަށުން ގަވައިދުތަކާއި އުސޫލުތައް އެކުލަވާލަން ޖެހިއްޖެ ނަމަ އެކަން ކުރަން ޖެހޭނެއެވެ. އަދި ހެދިފައިވާ ގަވައިދުތައް އިސްލާހުކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުރަން ޖެހޭނެއެވެ.
ރައީސް މި އިސްލާހުތައް ތަސްދީގުކުރެއްވުމާ އެކު މިއަދުން ފެށިގެން މި އިސްލާހު ގާނޫނަކަށްވެ، މިއަށް އަމަލުކުރަން ފަށަން ޖެހޭނެއެވެ.