ހުޅުމާލެ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ތެރޭގައި 18 އަހަރުގެ ދެ މީހުން ތިބި ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ތެރެއިން 3 މީހަކު ފަސް ދުވަހަށް އަދި 9 މީހަކު ހަތް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހައްޔަރުކުރި 12 މީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަ ކޮށްފައެވެ. ފަސް ދުވަހަށް ބަންދުކުރި 3 މީހުންނަކީ:

  1. އަލްމާން އަލީ ހާލިދު (22އ)، ގދ. ވާދޫ
  2. މުހައްމަދު އިޒްކާން (18އ)، ކ. މާލެ
  3. އިޒާން އަހުމަދު (18އ)، ކ. ގުރައިދޫ

ހަތް ދުވަހަށް ބަންދު ކުރި 9 މީހުންނަކީ:

  1. އަހުމަދު ޒާހިދު (36އ)، ށ. ފޯކައިދޫ
  2. އާދަމް ހުސައިން (48އ)، ލ. މާވަށް
  3. އިބްރާހިމް ނަޝީދު (34އ)، ލ. އިސްދޫ
  4. އަހުމަދު ސަމީހު (22އ)، ބ. ގޮއިދޫ
  5. އިސްމާއިލް ވިޝާމް މުހައްމަދު (29އ)، ކ. މާލެ
  6. ވިޝާމް މުހައްމަދު (23އ)، ގދ. ވާދޫ
  7. ވިޝާން މުހައްމަދު (30އ)، ހުޅުމާލެ
  8. މުސްތާގު ޝާކިރު (37އ)، ގދ. ވާދޫ
  9. ހައްސަން ގާލިބު (38އ)، ކ. މާލެ

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ގޭންގްއަކުން މީހަކު ރަހީނުކޮށް ހިޔާ ސަރަހައްދުގެ ޓަވަރަކަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މި މަހުގެ 8 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު ކަމަށާއި، އެއާއެކު އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ރަހީނުކޮށްފައި ހުރީ H9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމެންޓުގައި ކަމަށާއި ފުލުހުން ވަނީ އެޕާޓްމެންޓްގެ ދޮރު ވައްޓާލައިގެން ކަމަށެވެ. އަދި ފުލުހުން ވަން އިރު، ރަހީނުކުރި މީހާގެ ބޯ ބާލުވާފައިވާ ކަމަށާއި، އޭރު އެމީހާގެ އިނގިލި ބުރިކޮށްލަން މަސައްކަތް ކުރަމުންދިޔަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އެ އެޕާޓްމެންޓްއަށް ދިޔައިރު ވެސް އެ ތަނުގައި މަސްތުވާތަކެތި ހުރި އިރު، އެތަނަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން އެކި ފަހަރުމަތިން މީގެ ކުރިން ވެސް ރެއިޑް ކޮށްފައިވާ ތަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.