ހުޅުމާލެ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިިފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި 12 12 މީހުންގެ ތެރެއިން 5 މީހަކު ފަސް ދުވަހަށް އަދި 7 މީހަކު ހަތް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ގޭންގްއަކުން މީހަކު ރަހީނުކޮށް ހިޔާ ސަރަހައްދުގެ ޓަވަރަކަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މި މަހުގެ 8 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު ކަމަށާއި، އެއާއެކު އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ރަހީނުކޮށްފައި ހުރީ H9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމެންޓުގައި ކަމަށާއި ފުލުހުން ވަނީ އެޕާޓްމެންޓްގެ ދޮރު ވައްޓާލައިގެން ކަމަށެވެ. އަދި ފުލުހުން ވަން އިރު، ރަހީނުކުރި މީހާގެ ބޯ ބާލުވާފައިވާ ކަމަށާއި، އޭރު އެމީހާގެ އިނގިލި ބުރިކޮށްލަން މަސައްކަތް ކުރަމުންދިޔަ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން 12 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، އެ 12 މީހުންގެ ބައިވެރިވުން މިކަމުގައި އޮތް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަން ޔަގީން ކުރެވިގެން ދާނީ ތަހުގީގު ކުރިއަށްދާ މިންވަރަކުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން އެ އެޕާޓްމެންޓްއަށް ދިޔައިރު ވެސް އެ ތަނުގައި މަސްތުވާތަކެތި ހުރި އިރު، އެތަނަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން އެކި ފަހަރުމަތިން މީގެ ކުރިން ވެސް ރެއިޑް ކޮށްފައިވާ ތަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.