މި ކުޑަ ރާއްޖޭގައި މަސައްކަތުގެ މާހައުލުން ބިދޭސީންނަށް އައީ އެތައް ދާއިރާތަކަކުން ޖާގަ ދެމުންނެވެ. ކެއްކިއަސް، ފެހިއަސް، ބޯ ކޮށިއަސް، ވިޔަފާރި ކުރިއަސް ބިދޭސީން ނުފެންނަ ދާއިރާއެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރާއްޖޭގައި އިގްތިސޯދީ ގޮތުން ފުޅާ ދާއިރާއެއްގައި ކުރާ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގައި ވެސް ބިދޭސީން މަސައްކަތް ކުރާތަން ފެނެއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި ހިންގުމުގައި ވެސް ބިދޭސީން ވަނީ "އަތްގަދަ" ކޮށްފައެވެ. ނަމަވެސް މީގައި އެންމެ ބޮޑު ކަންބޮޑުވާން ޖެހޭ ކަމަކީ ބިދޭސީން ހިންގާ މިފަދަ ވިޔަފާރިތަކުގެ ސަބަބުން އާންމުންގެ ސިއްހަތާއި ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރު ކުރުމެވެ.
ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެކެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން ޑީޕޯޓްކޮށް އިމިގްރޭޝަނުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުން ކުރާ މަސައްކަތްތަކަށް ބަލާއިރު، ވޭތުވެ ދިޔަ ދެ ހަފްތާގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 70 ބިދޭސީއަކު ވަނީ ހިފަހައްޓާފައެވެ.
މިދިޔަ ދެހަފްތާ ތެރޭ އަތުލައިގެން ބިދޭސީންގެ ތަފާސް ހިސާބު:
- ނޮވެމްބަރު 6 - މާލެއިން 2 ތަނެއް ބަލައި ފާސްކޮށް 13 ބިދޭސީއަކު އަތުލައިގެން
- ނޮވެމްބަރު 4 - މާލެއިން ރެސްޓޯރަންޓެއް ބަލައި ފާސްކޮށް 5 ބިދޭސީއަކު އަތުލައިގެން
- ނޮވެމްބަރު 1 އާއި އޮކްޓޯބަރު 31 - ހުޅުމާލެއިން 7 ބިދޭސީއަކު އަތުލައިގެން
- އޮކްޓޯބަރު 31 - ހުޅުމާލޭގައި ވެހިކަލް ދޮންނަ 5 ސަރަހައްދަކުން 5 ބިދޭސީއަކު އަތުލައިގެން
- އޮކްޓޯބަރު 28 އާއި 29 - މާލޭގެ 5 ކެފޭއެއް ބަލައި ފާސްކޮށް 1 ބިދޭސީއަކު އަތުލައިގެން
- އޮކްޓޯބަރު 27 - މާލޭގެ 4 ކެފޭއެއް ބަލައި ފާސްކޮށް 5 ބިދޭސީއަކު އަތުލައިގެން
- އޮކްޓޯބަރު 26 - މާލޭގެ 4 ކެފޭއެއް ބަލައި ފާސްކޮށް 5 ބިދޭސީއަކު އަތުލައިގެން
- އޮކްޓޯބަރު 24 - ކ. ގުރައިދޫއިން 42 ތަނެއް ބަލައި ފާސްކޮށް 39 ބިދޭސީއަކު އަތުލައިގެން
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ބޮޑުވެ، އެ މައްސަލަތައް ހައްލު ކުރުމަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ތަންތަން ފާސްކުރަން ފެށީ މިއަހަރު މެދުތެރޭގައެވެ. މި މަސައްކަތުގެ ތެެރެއިން އާންމު ސަލާމާތާއި ސިއްހަށް ނުރައްކާ ވާ ގޮތަށް ސާފުތާހިރުކަން ކުޑަތަންތަނުގައި ކާބޯތަކެތި އުފައްދާ ބިދޭސީންގެ މައްސަލަތައް އައީ ފެންނަމުންނެވެ. އެހެންކަމުން މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ ގެތައް އިމިގްރޭޝަނުން ވަނީ ބަލައި ފާސްކުރަން ފަށާފައެވެ.
މި މަސައްކަތުގެ ތެރެއިން ކުދިކުދި ތަންތަންކޮޅުގައި ގިނަ އަދަދެއްގެ ގޭސް އުނދުނާއި ގޭސްފުޅި ބަހައްޓައިގެން ކައްކައި، ކާބޯތަކެތި އުފައްދާ އެތައް ބަޔަކު ވަނީ ފެނިފައެވެ. ހަމައެއާއެކު މި ތަންތަނުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އަންނަ އިރު، ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީން ފެނިފައިވެއެވެ. އަދި އެމީހުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން މި ދިޔަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ޖުމްލަ 4361 ބިދޭސީން ޑީޕޯޓް ކޮށްލާފައެވެ. އޮކްޓޯބަރު 21 ގެ ނިޔަލަށް ޖުމުލަ 861 ކޭސް އިމިގްރޭޝަން ވޮޗަށް ހުށަހެޅާފައިވާ އިރު އޭގެތެރެއިން 596 ކޭސް އަށް ވަނީ އެޓެންޑުވެފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ނުލިބޭ މައްސަލައިގައި އެ މައުލޫމާތު ހޯމް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 21ގެ ނިޔަލަށް އެ 1.7 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިހާރު ނުލިބި ވަނީ 703،790،250 ރުފިޔާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރަންގި އޮޕަރޭޝަންއަކީ ވެސް މި މައްސަލައަށް ބޮޑު ހައްލެއް ހޮދައިދޭނެ އޮޕަރޭޝަނެކެވެ. މިއީ ބިދޭސީންގެ މައުލޫމާތު އެއްކޮށް އެ މައުލޫމާތު ފަސޭހައިން ބަލާލެވޭނެ ނިޒާމެއްގެ ތެރެއިން ބެލުމަށް ކުރާ މަސައްކަތުގެ އިޕަރޭޝަނެކެވެ. އެ ގޮތުން މިދިޔަ ޖޫން މަހުގެ 3 ވަނަ ދުވަހު ފެށި މި އޮޕަރޭޝަނުގައި އޮކްޓޯބަރު 21ގެ ނިޔަލަށް ވަނީ 6891 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައެވެ. 82 ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ އިރު، އަމާޒަކީ އެއް އަހަރުތެރޭގައި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުން ކަމަށް ސަރުކާރުން ބުނެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެފަދަ ބިދޭސީން އަތުލައިގަނެ ޑީޕޯޓް ކުރަމުން އަންނަ އިރު، ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް 5000 ބިދޭސީން ޑީޕޯޓް ކޮށްލުމަކީ މި ސަރުކާރުގެ އަމާޒެވެ.