ގާނޫނުތަކަށް ބަދަލު ގެނެސް ގޭންގްތަކާއި މަސްތުވާތަކެތީގެ އައްޑާތަކުގެ ގޮތުގައި ބޭނުން ކުރާ ތަންތަން ދައުލަތަށް ނެގުމުގެ މަަސައްކަތް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހްސާން މިފަދައިން ވިދާޅުވީ ހުޅުމާލެ ހިޔާ ޓަވަރުގައި މީހަކު ރަހީނު ކުރި މައްސަލައިގެ މައުލޫމާތު ހިއްސާކުރެއްވުމަށް ރޭ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

ގޭންގް ކުށްތައް އިތުރުވެފައިވާކަން ފާހަގަ ކުރައްވާ އިހްސާން ވިދާޅުވީ ގޭންގް ކުށްތައް ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ގޭންގް ކުށްތަކަށް ހާއްސަކޮށް ފުލުހުންގެ ޔުނިޓެއް ގާއިމްކޮށްފައިވާކަން އިހްސާން ފާހަގަކުރެއްވިއެވެ.

އިހްސާން ވިދާޅުވީ ބައެއް ފްލެޓް އަދި އެޕާޓްމެންޓްތަކަކީ ތަކުރާރުކޮށް ކުށް ކުރުމަށް ބޭނުން ކުރަމުން އަންނަ ތަންތަން ކަމަށެވެ. އަދި އެފަދަ ތަަންތަނުގެ ވެރިންނާ ވާހަކަ ދައްކާ އެކަމަށް ހައްލެއް ނުލިބޭނަމަ، ގާނޫނުގެ ތެރެއިން އެފަދަ ތަންތަން ދައުލަތަށް އަނބުރާ ނެގުމަށް އެޗްޑީސީއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.

ގާނޫނު މިހާރު އޮތް ގޮތުން ތަކުރާރުކޮށް ކުށްކުރާ މީހުން ވެސް ދޫވެގެންދާ ކަމަށާއި ގާނޫނަށް ގެންނަ އިސްލާހާއެކު މިކަމަށް ހައްލު ލިބިގެންދާނެ ކަމަށް އިހްސާން ވިދާޅުވިއެވެ. އަދި ކުށް ކުރާ ފަރާތްތަކާމެދު ގާނޫނުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު އިހްސާން ވަނީ ވިދާޅުވެފައެވެ.

އިހްސާން އިތުރަށް ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދަކީ ވަރަށް ގިނަ ރައްޔިތުން ދިރިއުޅޭ ސަރަހައްދެއް ކަމަށް ވާއިރު، އެތަނުގެ ސަލާމަތާއި ރައްކާތެރިކަން އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރޭ ހިނގާދިޔަ ހާދިސާއާއެކު، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސަަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ

އެގޮތުން މިހާރު ވެސް ހުޅުމާލެ ފޭސް 2ގައި ކެމެރާތައް ހަރުކޮށް ފުލުހުންގެ އޮޕަރޭޝަން ސެންޓާއިން އެ ކެމެރާތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަން އިހްސާން ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ފޭސް 2 ހިޔާ ޓަވަރެއްގައި ރަހީނުކޮށްފައި ހުރި މީހަކު ރޭގެ ވަގުތެއްގައި ސަލާމަތްކޮށް، މި މައްސަލައާ ގުޅިގެން 12 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.