ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓްގައި ތެޔޮ ފޯރުކޮށްދޭ ފިއުލް ސްޓޭރޯޖް ގާއިމްކުރުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހްކޮށްދެއްވައިފިއެވެ.

މި މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދް އިބްރާހިމް ވިދާޅުވީ މި މަޝްރޫއުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ގާއިމުކޮށް، މަސްވެރިންނާއި އާންމު ރައްޔިތުންނަށް ތެޔޮ ލިބޭނޭ ނިޒާމު ގާއިމުކުރުން ކަމަށެވެ.

އެގޮތުން، މިދިޔަ ޖެނުއަރީ މަހު ހުޅުމާލޭގައި ސެޓަޕް ގާއިމުކޮށްފައި ވާއިރު ޅ. ފެލިވަރު އަދި ގއ. ކޫއްޑޫގައި ހުންނަ އެފްއެސްއެމް ޝެޑުން ހެޔޮ އަގުގައި މިހާރު ވެސް ތެޔޮ ފޯރުކޮށްދެމުންދެއެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ ގެ ކުރިން އައްޑޫ ސިޓީ ހުޅުމީދޫގައި ސެޓަޕް ގާއިމުކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

2025ގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ފިއުލް ސްޓޯރޭޖް ގާއިމްކުރާ ރަށްތައް:

  • ހއ. އިހަވަންދޫ
  • ހދ. ހަނިމާދޫ
  • ފ. ނިލަންދޫ
  • ގދ. ފަރެސްމާތޮޑާ
  • ފުވައްމުލައް ސިޓީ

2026 ގެ ފެބްރުއަރީ މަހުގެ ނިޔަލަށް ފިއުލް ސްޓޯރޭޖް ގާއިމްކުރާ ރަށްތައް:

  • ށ. މިލަންދޫ
  • ނ. މަނަދޫ
  • ބ. ތުޅާދޫ
  • ވ. ފެލިދޫ
  • ތ. ހިރިލަންދޫ،
  • ރ. ދުވާފަރު،
  • އއ. މަތިވެރި
  • މ. މުލައް
  • ދ. ކުޑަހުވަދޫ
  • ލ. ގަން

ތެލަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅުއްވައި، މަދުވެގެން ކޮންމެ އަތޮޅަކުން އެއް ރަށުން އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭ ނިޒާމެއް ގާއިމުކުރުމަކީ ރައީސްގެ ރިޔާސީ ވައުދެއްކަން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މަސްވެރި ސިނާއަތުގައި މިހާތަނަށް އޮތް ވަގުތީ ހައްލު ހޯދުމުގެ ސަގާފަތް ނައްތާލައި، ދާއިމީ ހައްލު ހޯދައިދިނުމުގެ ތަސައްވުރެއް ރައީސް ގެންގުޅުއްވާ ކަމަށާއި މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.