ލަންޑަންގެ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގައި، އައްޑޫ ސިޓީގެ އާ ޓޫރިޒަމް ބްރޭންޑް "އައްޑޫ: ބިޔޯންޑް ދި އީކުއޭޓާ" ދުނިޔެއަށް ތައާރަފު ކޮށްފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އައްޑޫ ޑެސްޓިނޭޝަން މެނޭޖްމަންޓް އޮފީސް (އޭޑީއެމްއޯ) ގުޅިގެން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އައްޑޫ ސިޓީގެ ހިތްގައިމު ތަސްވީރު، ދަތުރުފަތުރުގެ މުހިންމު މަންޒިލެއްގެ ގޮތުގައި ގެނެސްދީފައިވާއިރު، އެ އަތޮޅު ހާއްސަވާ ސަބަބުތަކަށް ވަރަށް ބޮޑަށް އިސްކަންދީފައިވެއެވެ.
އައްޑޫގެ ޓޫރިޒަމް ބްރޭންޑުކޮށް، މުޅި ދުނިޔެ އަށް ޕްރޮމޯޓް ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ގިނަ މަސައްކަތެއް އަންނަނީ ކުރަމުންނެވެ. އެ ގޮތުން ވޯލްޑް ޓްރެވަލް މާކެޓްގައި އައްޑޫ ބްރޭންޑް ތައާރަފުކުރަމުން އައްޑޫ މޭޔަރު އަލީ ނިޒާރު؛ އެމްއެމްޕީއާރުސީގެ ޗެއާމަން އަބްދުﷲ ގިޔާސް އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ އައްޑޫގެ މުހިންމު ސިފަތަކާއި ދުނިޔޭގެ ދަތުރުވެރިންނަށް ޝައުގުވެރިވާ މަންޒިލެއްގެ ގޮތުގައި، މުސްތަގުބަލުގެ އައްޑޫ ފެންނާނެ ތަސައްވުރެއް ހިއްސާކުރައްވާފައެވެ.
ލަންޑަންގެ ވޯލްޑް ޓްރެވަލް މާކެޓުގައި އައްޑޫ ސިޓީގެ ޓޫރިޒަމް ބްރޭންޑް ލޯންޗު ކުރަން ލިބުމުން އެކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ އައްޑޫ އަތޮޅަކީ އިނގިރޭސި ސިފައިންގެ މުހިއްމު ތަނެއް ކަމަށާއި، އެ ސިޓީގެ ގަމުގައި ރޯޔަލް އެއާފޯސް ބޭސްއެއް ހުރި ކަމަށެވެ. މި ތާރީހީ ގުޅުމުން ދިގުދެމިގެންދާ ތަރިކައެއް ދޫކޮށްލިއިރު، އިނގިރޭސި އާކިޓެކްޗާ އާއި ސަގާފީ ނުފޫޒާއި ހިއްސާކުރެވޭ ހަނދާންތަކުގެ އަސަރުތައް މިއަދުވެސް އައްޑޫއިން ފެންނަން އެބަހުރިކަމަށެވެ.
އައްޑޫ ކެނެރީފް ރިސޯޓުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފުލާއެއްގައި ވަނީ އައްޑޫގެ ޓޫރިޒަމް ބްރޭންޑް އިފްތިތާހުކޮށްފައެވެ. އައްޑޫގެ ގުދުރަތީ ރީތިކަމާއި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ ހިތްގައިމު ކަމާއި ސަގާފީ މުއްސަނދިކަން ދައްކައިދޭ ގޮތަށް އެންކްރިއާ އިން ފަރުމާކޮށްފައިވާ މި ބްރޭންޑުގެ ކުލަތަކުގެ އެލެމެންޓްސް ގެނެސްދީފައި ވަނީ އައްޑޫގެ ކަނޑާއި ގުދުރަތީ މާހައުލު އަދި ދިރުންތައް ހިމަނައިގެންނެވެ.