ނުހައްގުން މުއްސަނދިކަން ހޯދާ ހުރިހާ މީހުންގެ މައްސަލަ ބެލޭނެ ގޮތަކަށް ގާނޫނުލްއުގޫބާތު އިސްލާހުކުރުމަށް ސަރުކާރުގެ ބައެއް މެންބަރުން ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، އިސްލާހުގައި ހިމަނަން ޖެހޭނީ ނުހައްގުން މުއްސަނދިކަން ހޯދާ ހުރިހާ މީހުންގެ މައްސަލަތައް ބެލޭ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ ނުހައްގު ގޮތުގަ ހަމަ ތެޔޮ އެތެރެކޮށްގެން ސިނގިރޭޓު އެތެރެކޮށްގެން މަސްތުވާތަކެތި އެތެރެކޮށްގެން ނޫނީ އެހެން ގޮތްގޮތުން ވެސް އެތައް ނުހައްގު މުއްސަނދިކަމެއް އެބަ އަންނަތަން،" އޭނާ ވިދާޅުވިއެވެ.
ސަލީމްގެ ވާހަކައަށް ތާއީދުކުރައްވައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ، އެއްވެސް ވަޒީފާއެއް އަދާނުކުރާ ބައެއް ޒުވާނުން އެތައް ލައްކަ ރުފިޔާގެ ކާރުތައް ދުއްވާ މަންޒަރާއި، ކުޑަ ވިޔަފާރިއެއްގެ ތެރެއިން ފަސް އަހަރުގެ ތެރޭގައި ގަބޫލުނުކުރެވޭ ފަދަ މުއްސަނދިކަމެއް ހޯދާ މަންޒަރު ފެންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިމުގެ ވަސީލަތްތައް ބޭނުންކޮށްގެން މުއްސަނދިކަން ހޯދާ ބޭރުގެ ފަރާތްތަކުގެ މައްސަލަތައް ވެސް ބެލެން ޖެހޭނެއެވެ.
"ނާޖާއިޒު ފައިދާ ހޯދައިގެން ދިވެހިރާއްޖޭގެ މި އިހްތިސޯސްގެ ތެރޭގަ، ދިވެހިރާއްޖޭގެ އިގްތިސޯދީ މިންގަނޑުގެ ތެރެއިން އިގްތިސޯދީ ވެށީގެ ތެރެއިން މުއްސަނދިކަން ހޯދާ ކޮންމެ މީހެއްގެ މައްސަލަ މި ގާނޫނުގެ ތެރެއިން ބެލޭނެ ގޮތަށް ގާނޫނު ބައްޓަންވެގެން ދިއުމަކީ ހަގީގަތުގަ އަޅުގަނޑު ދަންނަވާނީ މި އިސްލާހު ހުށަހަޅައިގެން ދާ ބިލަށް ގެނެސްދެވޭނެ އިތުރު ފުރިހަމަ ކަމަކަށް ވެގެން ދާނެ،" މުސްތަފާ ވިދާޅުވިއެވެ.
ސަލީމެކޭ އެއްފަދައިން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް ވިދާޅުވީ ރާއްޖޭގައި ގާނޫނުތައް ކިތަންމެ ގިނަ ނަމަވެސް، ގާނޫނުތައް ތަންފީޒުކުރުމަށް މުއައްސަސާތައް މިއަދު ނުކުޅެދިފައިވާ ކަމަށެވެ. އައްބާސް ވިދާޅުވީ ގާނޫނުތަކުގައި އަދަބުތައް ވެސް ކަނޑައަޅާފައި އެބަހުރި ކަމަށާއި، ނުހައްގުން މުއްސަނދިވި މީހުން ވެސް ފެންނަން އެބަ ތިބި ކަމަށެވެ.
"މި ހުރިހާ ވެސް މައްސަލައަކީ އެއިރެއްގަ އޮންނަ ސަރުކާރާއި ސަރުކާރުގެ ތެރޭގަ ތިބޭ ވަޒީރުންނާއި މޯލްޑިވްސް ޕޮލިސް ސާވިސަސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން އާއި އޮޑިޓަރު ޖެނެރަލް އާއި ޖުޑިޝަލް ސާވިސް ކޮމިޝަނުންނާއި ފަނޑިޔާރުންނާއި ގުޅިލާމެހިގެން ކުރާ ބޮޑު ވައްކަމެއް މިއީ ދިވެހިރާއްޖޭގަ،"
އޭނާ ވިދާޅުވި ގޮތުގައި މުއައްސަސާތަކަށް ފާރަވެރިވެގެން ނޫނީ ގާނޫނުތައް ތަންފީޒުވެގެންދާ މަންޒަރެއް ނުފެންނާނެއެވެ.
"ހަގީގީ މާނައިގައި އެކަން ވީ ކަމަށް ވާނީ މި ދެންނެވި ގޮތަށް ނުހައްގުން މުއްސަނދިކަން ހޯދާފަ ތިބި އެންމެން ހިފާ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ގާނޫނު އަރާ ހަމަކޮށްގެން،" އައްބާސް ވިދާޅުވިއެވެ.
މި އިސްލާހަށް ބަހުސްކުރެއްވި ހުރިހާ މެންބަރުން ވެސް ޖުމްލަ ގޮތެއްގައި ތާއީދުކުރެއްވިއެވެ.
ރަގަޅު ވާހަކައެއް! އެޓޮލްސް އެޑްމިނިސްޓްރޭޝަން، ސްޓެލްކޯ ފަދަ ތަންތަނުން މިލިޔަނަރުކަން ހޯދި މީހުން އެބަތިއްބެވެ. އަމީނިއްޔާ ސްކޫލް ތަންތަނަށް ބޭންޑް ސާމާނު ބޮޑުއަގުގައި ވިއްކި މީހުންވެސް އެބަތިއްބެވެ. މިހިންގޮސް އެންމެންގެ ވާހަކަ ނުވެސް ކިޔޭނެ ދޯ ސުޖާ!
ތިޔަ ވައްކަމެއް ވެސް ނުހުއްޓުވޭނެ. ތިޔަ ޑްރަގުގެކަންތައް ވެސް ނުހުއްޓުވޭނެ...ތިޔަ ހުރިހާސަރުކާރަކުން ވެސް ދައުލަތުން ކުރީ ވައްކަން ކޮންމެ ބަޔަކު ވެސް އުޅެނީ ކެވުނުލެއް މަދުވެގެން ...ގަބޫލު ކުރިޔަސް ނުކުރިޔަސް ދައުލަތުން ވައްކަން ކޮށްފިއްޔާ އަތް ކަނޑަން ކެރޭ ޑްރަގު އެތެރެ ކޮށްފިއްޔާ މަރުގެ އަދަބު ދޭން ކެރޭ ވެރިޔަކު ގެންނަންޖެހޭ....އެކަން ކުރާނެ ކަމަށް ބުނާ މީހަކަށް ހަމައެކަނި ހުރީ ޢުމަރު ނަސީރު..އެސޮރަށް ކެރޭނެ...އެހިތްވަރު ހުންނާނެ.