މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް އެމްއެންޑީއެފްއިން ބާއްވާ ގޮތައް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފުން މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތައް ފަށާފައިވަނީ ނޮވެންބަރު 3 ވަނަ ދުވަހު ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ.

އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ފަތިސް ނަމާދު ކުރުމަށްފަހު މިއަދު ހެނދުނު ވަނީ، ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. އަދި ހަމައެހެންމެ މިއަދު ހެނދުނު ވަނީ ނޭޝަނަލް އާޓް ގެލަރީގައި "ސިފައިންގެ މައުރަޒު" ރައީސް ހުޅުވާދެއްވާފައެވެ.

ސިފައިންގެ މައުރަޒު 2024 ކުރިއަށްދާނީ ނޮވެންބަރު 3 އިން 9 އަކަށް ނެޝަނަލް އާޓް ގެލެރީގައެވެ. މި މައުރަޒު އާންމުންނަށް ބަލައިލުމަށް ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން 12:00 އަށް، މެންދުރުފަހު 14:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

މީގެ އިތުރުންވެސް މިއަދު ހަވީރު އެމްއެންޑީއެފުން ވަނީ ޖުމްހޫރީ މައިދާނުގައި ހާއްސަ މިލިޓަރީ ޑިސްޕްލޭއެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި މިލިޓަރީ ޑިސްޕްލޭ ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:15 ގައެވެ. އަދި ނަސްރު ދުވަހާ ގުޅިގެން މިރޭ ދަރުބާރުގޭގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމަފައިވާއިރު މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.