އިންގްލިޝް ޕްރިމިއާ ލީގު ތާވަލުގެ އެއްވަނަ ލިވަޕޫލުން އަނެއްކާވެސް ހޯދައިިފިއެވެ. ލިވަޕޫލު އަނެއްކާވެސް އެއްވަނައަށް އެރީ މިރޭ އެޓީމުގެ ދަނޑުގައި ފަހަތުން އަރާ ދެލަނޑު ޖަހައިގެން ބްރައިޓަން އަލްބިއަން އެންޑް ހޯވް ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ފަސް މިނެޓްގެ ތެރޭގައި ލިވަޕޫލުގެ ޑާވިން ނިއުނޭޒްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ފުރަތަމަ ހާފްގައި މުޅިންހެން ކުޅުނީ ބްރައިޓަންއެވެ.
އެޓީމުން ލިވަޕޫލުންގެ ކަނާތު އަރިމަތިން ގިނަ ހަމަލާތަކެއް އުފެއްދި އިރު މެޗުގެ 14 ވަނަ މިނެޓްގައި ބްރައިޓަންއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. އެއަށް ފަހު ވެސް ބްރައިޓަންއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު އިރު މެޗުުގައި ލިވަޕޫލަށް ކުޅެގަނެވުނީ ދެވަނަ ހާފްގައެވެ.
މިގޮތުން އެޓީމުން ވަނީ މެޗުގެ 69 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ކޯޑީ ގެކްޕޯއެވެ. އޭގެ ދެ މިނެޓް ފަހުން ލިވަޕޫލްގެ ހުނަރުވެރި ފޯވަޑް މުހައްމަދު ސަލާހް ޖެހި ހިތްގައިމު ލަނޑާއެކު ލިވަޕޫލުން މެޗުގެ ލީޑު ނެގިއެވެ.
މިމެޗު ނިމުނީ 2-1 އިން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
ލިވަޕޫލް ފަހުން އަރާ މޮޅުވި އިރު ބޯންމޮތް މިރޭ މިވަނީ ތާރީހީ ނަތީޖާއެއް ނެރެފައެވެ. މިގޮތުން، މިސީޒަންގައި އާސަނަލް ބަލިކުރި ބޯންމޮތުން މިވަނީ އެކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ.
މިމެޗުގައި ބޯންމޮތްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ 9 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ސަމީނިއޯއެވެ.
\
ސިޓީން ހަަމަލާތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް މެޗުގައި ދެން ވެސް ލަނޑު ޖެހީ ބޯންމޯތުންނެވެ. މިގޮތުން، މެޗުގެ 64 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ޖަހާ ދިނީ އެވަނީލްސަންއެވެ.
މެޗު ނިމެން ކުޑަތަންވެފައިވަނިކޮށް ސިޓީގެ ޑިފެންޑަރު ވަޑިއޯލް ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. އެހެން ނަމަވެސް މެޗުގައި ދެން ސިޓީއަށް ލަނޑެއް ނުޖެހުނު އިރު އެޓީމު މިރޭ ބަލިވީ 2-1 އިންނެވެ.
މި ނަތީޖާއާއެކު ސިޓީ މިވަނީ ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ. އަދި އެއްވަނައިގައި އޮތް ލިވަޕޫލާ ސިޓީއާ ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް މިހާރު އެބައޮތެވެ. މިރޭ 3-0 އިން ވެސްޓްހޭމް ބަލިކުރި ނޮޓިންހަމްފޯރަސްޓް މިވަނީ އާސަނަލް ފަހަތަށް ޖައްސާލާ ތާވަލުގެ ތިން ވަނައަށް އަރާފައެވެ.