ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން 2100 ވަނަ އަހަރާ ހަމައަށްދާއިރު އެ ގައުމު އެއްކޮށް އަޑިއަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައި
މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި، ގައުމު އަޑިއަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމުން، ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ޓުވާލޫގެ ޑިޖިޓަލް ކޮޕީއެއް މެޓަވާސްގައި ހެދުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ފަށައިފިއެވެ.
މެންޓަލް ފްލޮސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮސްޓްރޭލިއާއާއި ހަވާއީއާ ދެމެދު އޮންނަ 11،000 މީހުންގެ އާބާދީއެއް އޮންނަ ޓުވާލޫއަކީ 2100 ވަނަ އަހަރާ ހަމައަށްދާއިރު އެއްކޮށް އަޑިއަށް ދާނެ ކަމަށް ލަފާކޮށްފައިވާ ގައުމެކެވެ. ފާއިތުވި 30 އަހަރުގެ ތެރޭގައި އެ ގައުމުގެ ކަނޑުގެ ލޮނުގަނޑު ވަނީ 21 ސެންޓިމީޓަރަށް އުފުލިފައެވެ.
ޑިޖިޓަލް އާކައިވް އަދި ފިއުޗާ ނައު ޕްރޮޖެކްޓް
ގައުމު އަޑިއަށް ދިޔަ ނަމަވެސް އެ ގައުމުގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން ޓުވާލޫ ސަރުކާރުން ދަނީ "ފިއުޗަރ ނައު ޕްރޮޖެކްޓް" ގެ ދަށުން މަސައްކަތްތަކެއް ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން 2023 ވަނަ އަހަރު ވަނީ އެ ގައުމުގެ ހުރިހާ ރަށެއްގެ 3ޑީ ސްކޭންތައް ހަދައި ނިންމާފައެވެ.
ކޮޕް27 ސަމިޓުގައި ދެއްކި ވީޑިއޯއެއްގައި ޓުވާލޫގެ ފޮރިން މިނިސްޓަރު ސައިމަން ކޯފޭ ވިދާޅުވި ގޮތުގައި، ޓުވާލޫ ވެގެންދާނީ ހަމައެކަނި ސައިބަރސްޕޭސްގައި ވުޖޫދުގައި އޮންނަ ދުނިޔޭގެ ފުރަތަމަ ގައުމަށެވެ. ނަމަވެސް ދުނިޔެ ހޫނުވުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ އެއީ އެފަދަ އެންމެ ފަހު ގައުމަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފިއުޗަރ ނައު ޕްރޮޖެކްޓް ބިނާވެފައިވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ. އެއީ މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ބާރުއެޅުމާއި، ބިން އަޑިއަށް ދިޔަ ނަމަވެސް ދައުލަތެއްގެ ގޮތުގައި އޮންނަ އޮތުމާއި ސަރަހައްދީ އިމުގެ ހައްގުތައް ކަށަވަރުކުރުމުގެ އިތުރުން، ގައުމުގެ ފުރިހަމަ ޑިޖިޓަލް އާކައިވެއް އެކުލަވާލުމެވެ.
މޫސުމީ ނުރައްކާތަކާއި ރައްކާތެރިވުމުގެ ފިޔަވަޅުތައް
ޓުވާލޫއަށް ކުރިމަތިވެފައިވާ މޫސުމީ ނުރައްކާތަކާ ގުޅޭގޮތުން 2024 ވަނަ އަހަރު ނިއުއޯން އެލިއުޓާ ލިޔެފައިވާ ގޮތުގައި، އެ އަހަރު އައި އުދައަކީ މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައިނުވާ ފަދަ ބޮޑު އުދައެކެވެ. ރިލީފްވެބްއާ ހަވާލާދީ އޭނާ ބުނެފައިވަނީ، އެ ހަފުތާގައި ރަށުގެ މައި މަގު އެއްކޮށް ލޮނުގަނޑުގެ އަޑިއަށް ގޮސްފައިވާ ކަމަށާއި، މީގެ ސަބަބުން ގިނަ ރައްޔިތުންތަކެއް އެމީހުންގެ މުސްތަގުބަލާ މެދު ސުވާލު އުފައްދަމުންދާ ކަމަށެވެ.
މި ނުރައްކާތަކުން ސަލާމަތްވުމަށް ޓުވާލޫއިން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމާއި، ޓުވާލޫ ސަރުކާރާއި ގްރީން ކްލައިމެޓް ފަންޑު ގުޅިގެން ދަނީ ވެލި ނަގައިގެން އައު ބިންތަކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، އާންމު ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ގޮނޑުދޮށްތަކުގައި ކުޅަނދުރު ގަސް އިންދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ޓުވާލޫގެ 9 ރަށުގެ މެޕް ހެދުމަށް އެ ގައުމުން ވަނީ 2 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، ކުރިން ކޮންމެ ގަރުނަކު އެއްފަހަރު ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިސާތައް 2050 ވަނަ އަހަރާ ހަމައަށްދާއިރު ކޮންމެ 10 އަހަރަކުން އެއްފަހަރު ކުރިމަތިވާނެއެވެ.
ހިޖުރަކުރުމާއި ބައިނަލްއަގުވާމީ ކަންބޮޑުވުން
ގައުމު އަޑިއަށް ދާނެކަމުގެ ބިރު އޮތުމާއެކު، ގިނަ ރައްޔިތުންތަކެއް ދަނީ ގައުމު ދޫކޮށް ދިއުމަށް ތައްޔާރުވަމުންނެވެ. 2023 ވަނަ އަހަރު ޓުވާލޫއާއި އޮސްޓްރޭލިއާއާ ދެމެދު އެކުލަވާލި "ފަލެޕިލި ޔޫނިއަން" މުއާހަދާގެ ދަށުން، ކޮންމެ އަހަރަކު ޓުވާލޫގެ 280 މީހުންނަށް އޮސްޓްރޭލިއާއަށް ބަދަލުވެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް، އެ ގައުމުގެ އާބާދީގެ 90 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ މި ވިސާ ސްކީމަށް އެދި ހުށަހަޅާފައެވެ.
މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވަނީ ހަމައެކަނި ޓުވާލޫއަކަށް ނޫނެވެ. މާޝަލް އައިލެންޑްސް، ފްލޮރިޑާ ކީސް، ސީޝެލްސް އަދި ދިވެހިރާއްޖެ ފަދަ ގައުމުތަކަކީ ކުރިއަށް އޮތް 50 ނުވަތަ 100 އަހަރުގެ ތެރޭގައި ބޮޑު ބައެއް އަޑިއަށް ދާނެ ކަމަށް ލަފާކޮށްފައިވާ ގައުމުތަކެވެ. ލަފާކުރެވޭ ގޮތުގައި 2050 ވަނަ އަހަރާ ހަމައަށްދާއިރު މޫސުމީ ބަދަލުތަކުގެ ސަބަބުން ހާލުގައި ޖެހޭ މީހުންގެ އަދަދު 1.5 ބިލިއަނަށް އަރާނެއެވެ.
ސެކްރެޓޭރިއަޓް އޮފް ދަ ޕެސިފިކް ކޮމިއުނިޓީ (އެސްޕީސީ) ގެ އޯޝަން ޕްރިޑިކްޝަން އެންޑް މޮނިޓަރިން ޓީމުގެ ލީޑަރު ހަރވޭ ޑަމްލަމިއަން ވިދާޅުވި ގޮތުގައި، ވިހަ ގޭސް ބޭރުކުރާ މިންވަރު މަދުކުރުމަކީ މުހިންމު ކަމެއް ނަމަވެސް، އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުވައެއް ނުލެވޭނެއެވެ. އަދި ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމުތަކަށް މިހާރު މޫސުމީ ބަދަލުތަކަށް ހޭނުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
2021 ވަނަ އަހަރުގެ ކޮޕް26 ސަމިޓުގައި ވާހަކަދައްކަވަމުން ސައިމަން ކޯފޭ ވިދާޅުވީ، އެމީހުން އެތަނުގައި ތިބީ ހަމްދަރުދީއަށް އެދިގެން ނޫން ކަމަށާއި، އެއީ އަމަލީ ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވާލުމެއް ކަމަށެވެ. އަދި ޓުވާލޫ ވަށައިގެން އުފުލެމުންދާ ލޮނުގަނޑަކީ ހަމައެކަނި އެމީހުންގެ ގެދޮރަށް އޮތް ނުރައްކާއެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔެއަށް އޮތް އިންޒާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
2026 ވަނަ އަހަރު އދ. އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 2015 ވަނަ އަހަރުގެ ޕެރިސް އެއްބަސްވުމުގައި ކަނޑައަޅާފައިވާ 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވުރެ ދުނިޔެ ހޫނުވާ މިންވަރު މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ. ޓުވާލޫ ފަދަ ގައުމުތަކަކީ ވިހަ ގޭސް ބޭރުކުރާ މިންވަރު އެންމެ މަދު ގައުމުތައް ނަމަވެސް، މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު ނުރައްކާއެއް ކުރިމަތިވަނީ މިފަދަ ގައުމުތަކަށެވެ. ޓުވާލޫއިން ވަނީ 2030 ވަނަ އަހަރާ ހަމައަށްދާއިރު ނެޓް ޒީރޯ އަމާޒަށް ވާސިލުވުމަށް ވައުދުވެފައެވެ.
