މި އަހަރަށް ފާސްކުރި ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 4,023 މިލިއަން ރުފިޔާ ލިބުމަކީ ނާދިރު ކަމެއް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓަށް އޮޑިޓާ ޖެނެރަލްގެ ފަންނީ ލަފަޔަކަށް އެދި މަޖިލީހުން ވަނީ ހުށަހަޅާފައެވެ. އެގޮތުން މިއަދު ފާސްކުރި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓަށް އޮޑިޓް އޮފީހުން ތައްޔާރުކޮށް އާންމު ކުރި ރިޕޯޓްގައި ވަނީ، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އިމްޕޯޓް ޑިއުޓީ މިއަހަރު ތެރޭ ލިބުމަކީ ނާދިރު ކަމެއް ކަމަށެވެ.
ސަޕްލިމަންޓްރީ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީ އިތުރުވާނެ އަންދާޒާ ކޮށް ބުނެފައި ވަނީ، ބިންވިއްކުމާއި ބިން ބަދަލުކުރުމުގެ ފީއިން ކުރިން އަންދާޒާ ކޮށްފައިނުވާ 335.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި ދުންފަތުން ނަގާ އިމްޕޯޓް ޑިއުޓީ އިތުރުކުރުމުން ޓެކުހުގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި އަދި ހިލޭ އެހީގެ ގޮތުގައި ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް 199.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ނަމަވެސް މީގެ ތެރެއިން އިމްޕޯޓް ޑިއުޓިން ލިބޭނެ ކަމަސާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ މިންވަރު ލިބުން ނާދިރު ކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާން ކޮށްފައި ވެއެވެ.
މިއަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 4023 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް ޕަބްލިކް އެކައުންޓިން ސިސްޓަމުގެ ރިކޯޑުތަކުން ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ލިބިފައި ވަނީ 2,394 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ބަޖެޓްކޮށްފައިވާ އާމްދަނީގެ 60 ޕަސެންޓެވެ.
މާދަމާ އިން ފެށިގެން ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމުން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ 180.3 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ސަޕްލިމެންޓަރީ ބަޖެޓުގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ފާއިތުވެ ދިޔަ އަހަރުތަކާއި މި ހިނގާ އަހަރުގެ ހިސާބުތަކަށް ބަލާއިރު އަހަރުގެ ބާކީ އޮތް ދެ މަސް ދުވަހުގެ ތެރޭގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެކަމަށް ފުރަތަމަ އަންދާޒާ ކުރި އަދަދަށް ލިބުމަކީ ނާދިރު ކަމެއް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެއެވެ.
އަދި މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ކުރިން ކޮށްފައިވާ އަންދާޒާގައި ނުހިމެނޭ އަދަދުތަކެއް ޑިއުޓީގެ ގޮތުގައި ލިބުނަސް ޑިއުޓީގެ ގޮތުގައި މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާކޮށްފައިވާ 4,023 މިލިއަން ރުފިޔާ ލިބުމަކީ ނާދިރު ކަމެއް ކަމަށް އެ ރިޕޯޓްގައި ބުނެއެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖުމްލަ ގޮތެއްގައި ދައުލަތަށް އާމްދަނީ ލިބިފައިވާ ގޮތަށް ރިއާޔަތް ކުރާ އިރު، މި އަހަރުގެ ނިޔަލަށް އިތުރަށް ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާ އާމްދަނީ ލިބޭނެކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ.
ދައުލަތުގެ ބަޖެޓުގައި ހިލޭއެހީ ގޮތުގައި ލިބޭނޭ ކަމަށް ލަފާކޮށްފައި ވަނީ 1270 މިލިއަން ރުފިޔާއެވެ. ފާސްކޮށްފައިވާ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހިމަނައިގެން ޖުމުލަ ހިލޭއެހީގެ ގޮތުގައި 1,469.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. ނަމަވެސް ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ހިސާބުތަކުން ދައްކަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިއަހަރު ތެރޭ ލިބިފައި ވަނީ 630.3 މިލިއަން ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ. މިއީ އަންދާޒާކޮށްފައިވާ ހިލޭ އެހީގެ 49.6 ޕަސެންޓެވެ.
މި އަހަރު ތެރޭގައި ހިލޭއެހީގެ ގޮތުގައި ލިބޭނެ ކަމަށް ފާސްކުރި ބަޖެޓުގައި ލަފާކޮށްފައިވާ އާމްދަނީގެ 50.4 ޕަސެންޓް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބިފައި ނުވާއިރު، ހިލޭ އެހީގެ ގޮތުގައި އިތުރަށް 199.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ގޮތުގެ އަސާސް ސަޕްލިމެންޓްރީ ބަޖެޓުގައި ސާފުކޮށްދީފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެއެވެ.
ދައުލަތުން އަންދާޒާ ކޮށްފައިވާ މިންވަރަށް އާމްދަނީ އާއި ހިލޭ އެހީ ލިބެމުން ނުދާ ނަމަ ދައުލަތުގެ ބަޖެޓުން އުނިކުރެވޭނެ ހަރަދުތަކަކީ ކޮބައިކަން ބަޖެޓް ފާސްކުރެވިގެންދާ އިރު ކަނޑައަޅާފައި ހުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. މީގެ ކުރީ އަހަރުތަކުގެ ބަޖެޓުގައި ވެސް ހިލޭ އެހީގެ ގޮތުގައި ހިމަނާފައިވާ އާމްދަނީގެ ބޮޑުބައެއް ލިބިފައި ނުވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓް ފައިނޭންސް ކުރުމަށް ހިރާސްތަކެއް ކުރިމަތިވެފައިވާކަން ވެސް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.