ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތި ލިބުނު މީހުންނަށް އަލުން ބިން ކަނޑައަޅަން ގުރުނެގުމުގެ މަސައްކަތުގައި ހައުސިން މިނިސްޓްރީގެ އޮފިޝަލުން ގުރުނަގާތީ އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް ބުނެ، އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުއްލި މައްސަލައެއް ހުށަހަޅުއްވާ ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް ލިބޭ ބިންތައް ކަނޑައެޅުމަށް ނަގާ ގުރުއަތުލުން ކުރިއަށް ގެންގޮސް ގޯތި ލިބޭ ޕްލޮޓްތައް އެކަށައަޅާ ގޯތިތަކުގެ ރަޖިސްޓްރީ މިދިޔަ ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިން ފަހަރު މަތިން ގުޅީފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް, ބައެއް ފަރާތްތަކުގެ ބިންތައް ބަދަލުކުރަން ނިންމާ އެ ފަރާތްތަކަށް ލިބޭ ގޯތީގެ ބިންތައް އަލުން ކަނޑައެޅުމަށް ގުރުނެގުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އިއްޔެ ގުރުނެގުން ފަށާ، ގުރުނެގުމުގެ އެންމެހާ ކަންކަން ގެންގޮސްފައިވަނީ ގޯތިތަކުގެ ވެރިންނަށް ނާންގާ ކަމަށާއި، ގޯތިތަކުގެ ހައްގުވެރިންނަށް ގުރުނެގުމުގައި ބައިވެރިނުވެވޭ ގޮތަށް ސީދާ ހައުސިން މިނިސްޓްރީގެ އޮފިޝަލުން ގުރު ނަގާ ގޮތަށް ހަމަޖެއްސުމަކީ ކޮރަޕްޝަނަށް މަގުފަހިވެ, ގޯތީގެ ހައްގުވެރިންގެ މުދަލަށް ނުހައްގު އަރައިގަންނަށް ފުރުސަތު ހުޅުވިގެންދާ ގޮތަށް ކުރަމުންދާ ކަމެއް ކަމަށް މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވި ގޮތުގައި މިގޮތަށް ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ސަބަބުން އެތައް ބައެއްގެ ބޯހިޔާވަހިކަމުގެ ހައްގު އުނިވެގެން ދާނެއެވެ.
މި ސަރުކާރުން އިއްޔެ ދޫކުރި ގޯތިތަކަކީ ވެސް އެއީ ނުހިއްކާ ހުރި ފަޅުތަކަކުން ދޫކުރި ގޯތިތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު މީކާއީލް ގޮވާލެއްވީ ދެފުށް ފެންނަ އަދި ހާމަކަން ބޮޑު ގޮތެއްގައި ގުރު ނެގުން ކުރިއަށް ގެންގޮސް ލަސްނުކޮށް ގޯތިތައް ލިބުނު މީހުންނާ އެ ތަންތަން ހަވާލުކުރުމަށެވެ.
މި ކުއްލި މައްސަލަ އަށް ބަހުސްކުރުމާ މެދު ނެގި ވޯޓުގައި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ އެންމެ 10 މެންބަރުންނެވެ. 46 މެންބަރުން ވޯޓުދެއްވީ ނުފެންނަ ކަމަށެވެ.