ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އޭރު ކުރެއްވިއިރު މުލީއާގޭގައި ޕެނަޑޯލާއި ޗޮކްލެޓް ބަންދުކުރުން ފަދަ، މަޖިލީހުގެ މެންބަރުން ކުރަން ނުޖެހޭ އެތައް ކަމެއް ކުރައްވަން ޖެހުނު ކަމަށް، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ދިނުމަށް ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން، 18 ވަނަ މަޖިލީހުގައި ވެސް މެންބަރުކަން ކުރެއްވި ފަލާހު ވިދާޅުވީ، ޔާމީނަށް ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތް ދައުލަތުން ދެމުންދާ ކަމަށާއި، އިނާޔަތުގެ ގޮތުގައި ޔާމީނަށް އެތައް މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށެވެ.
ޔާމީނަށް ފާޑުވިދާޅުވެ ފަލާހު ވިދާޅުވީ، ޔާމީން ބިރުން އުޅުއްވަނީ އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ ކޮމިޝަންތަކުން ހޯދައި، ދައުލަތަށް ނަގާފާނެތީ ކަމަށެވެ.
"ރޭގަ އެ ބޭފުޅުން ރައީސް ޔާމީނާއި އަދި އެމްޑީޕީގެ ވެސް ވައްކަންކޮށްފަ ތިބި މީހުން، އެ ބޭފުޅުންނަށް ލައިދީފަ ހުންނާނީ މިއަދު ވާހަކަ ގެންނަންވާނީ މިހެން އިނގޭ، މިކަން މިހެން ކޮށްފިއްޔާ ވަގަށް ނަގާފަ ހުރި ލާރިކޮޅުކޮޅު ފަހަރެއްގަ މި ތަންތަނުން ނަގައިގެން ގެންގޮސްފާނެ ހޯދަފާނެ، މިއީ ބިރުގަންނަ ސަބަބަކީ،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ޔާމީން ކުރައްވާ އަމިއްލަ ވިޔަފާރިއެއް ނުފެންނަ ކަމަށާއި، އެމަނިކުފާނު މީރާ އަށް ދައްކާ ޓެކުހެއް ވެސް ނެތް ކަމަށެވެ.
ޔާމީންގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ވެސް ފަލާހު ފާޑުވިދާޅުވިއެވެ.
"އެހެންވީމާ މިކަންކަން އެއްގޮތަކަށް ވެސް އެ ގޭތެރޭގަ ހަ މީހުން ހަތް މީހުން ލައިގެން ޖަލްސާކޮށްފަ އެހެން ވެރިންގެ ބޮލުގަ އެ ކަންކަން ނާޅުއްވާ،"
ފަލާހު ވަނީ، ގައުމަށް ހެޔޮއެދިވަޑައިގަންނަވަންޏާ ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާތައް ދައުލަތާ ހަވާލުކުރުމަށް ގޮވާލައްވައިފައެވެ. އޭރުން އިތުރު ލޯނެއް ނަގަން ސަރުކާރުން ނުޖެހޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.