އާސަންދަ ސްކީމުގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.
އެން ސްޕާއިން ބުނީ އާސަންދަ ސްކީމުގެ ދަށުން ދޫކުރާ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ނިންމީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށާއި، އާސަންދަ ސްކީމަކީ ދެމެހެއްޓެނިވި ނިޒާމަކަށް ހެދުމަށް ކަމަށެވެ.
މީގެއިތުރުން މި ފިޔަވަޅުތަކުގެ ސަބަބުން ކުރިން އަގުބޮޑުކޮށް ވިއްކަމުން ދިޔަ ބޭސްތަކުގެ އަގު ހެޔޮ ކުރެވިގެންދާނެ ކަމަށާއި، މިއާއެކު އާސަންދަ ސްކީމްގެ ހަރަދުވެސް ކުޑަކުރެވިގެންދާނެ ކަމަށެވެ.
އެންސްޕާއިން ބުނީ މި ފިޔަވަޅުތައް އެޅުމަށް ހަމަޖެހިފައި ވަނީ އެކި ފިޔަވަހި ތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އަގު މުރާޖައާ ކުރެވިފައިވާ 87 ބޭހެއްގެ އަގަށް ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން ބަދަލުގެންނާނެ ކަމަށާއި، 126 ބޭހެއްގެ އަގަށް 24 ނޮވެމްބަރުން ފެށިގެން ބަދަލުގެނައުމަށް ހަމަޖެހިފައި ވާކަމަށެވެ.
މީގެއިތުރުން މުރާޖައާ ކުރެވޭ ބޭހުގެ ތަފްސީލު އެ މުއްދަތުން ފެށިގެން ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެންސްޕާއިން ވަނީ ބުނެފައެވެ.
އެންސްޕާއިން ބުނީ މި ފިޔަވަޅުތަކާއެކު ބޭސްތަކަށް އާސަންދައިން ކުރާ ހަރަދުގެ ތެރެއިން 220 މިލިއަން ދިވެހި ރުފިޔާ ސަލާމަތްވެގެން ދާނެ ކަމަށެވެ. މިބަދަލާއެކު އާސަންދަ ސްކީމް މެދުވެރިކޮށް ހިލޭ ބޭސް ލިބުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ނައިސް ބޭސް ލިބޭނެކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ކުންފުނިން އިތުރަށް ބުނީ އާސަންދައިން ޝާއިއުކޮށްފައިވާ ލިސްޓާ ހިލާފަށް އެއްވެސް މަރުކަޒަކުން ހިދުމަތް ދޭކަން ފާހަގަކުރެވިއްޖެނަމަ އެކަން 7951400 އަށް ގުޅާ އެންގުމަށެވެ.
އަދި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އާސަންދަ ހޮޓްލައިން އަށް ގުޅުމަށްވެސް ވަނީ ބުނެފައެވެ.