ސަޕްލެމެންޓަރީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހަމަޖައްސައި، މާދަމާގެ ބައްދަލުވުމަށް ފިނޭންސް މިިނިސްޓަރު މޫސާ ޒަމީރާއި އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީ އާއި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ހާޒިރުކުރަން އެ ކޮމިޓީން ނިންމައިފިއެވެ.
ސަރުކާރު ފަރާތުން 5.1 ބިލިއަން ރުފިޔާގެ ސަޕްލެމެންޓަރީ ބަޖެޓް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެ ޖަލްސާގައި މެންބަރުން ވަނީ ތަޅުމުގައި ބަޖެޓަށް ބަހުސްކޮށް، ކޮމިޓީއަށް ފޮނުވާތާ އެއް ދުވަހުގެ ތެރޭ ބަޖެޓުގެ މަސައްކަތް އެކީ އެކަށް ނިންމާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެންމެ ފުރަތަމަ އޮތީ މުގައްރިރަކާއި ނައިބު މުގައްރިރެއް ހަމަޖެއްސުމެވެ. ކޮމިޓީގެ އިއްތިފާގުން ނިންމީ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަދި އިގްތިސާދީ ކޮމިޓީގެ މުގައްރިރު އަލީ ފަޒާދު ހަމަޖައްސައި، ނައިބު މުގައްރިރުކަމަށް އޭދަފުށި ދާއިރާގެ މެންބަރު އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަހްމަދު ސަލީމެވެ.
އެއަށްފަހު ކޮމިޓީގެ އިއްތިފާގުން ނިންމީ ސަޕްލެމެންޓަރީ ބަޖެޓަށް ލަފާ ހޯދަން މާދަމާ މެންދުރުފަހު 2 ޖަހާއިރަށް ޒަމީރާއި ނިޔާޒީ އާއި މުނައްވަރު ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރާ ގޮތަށެވެ.
ހަމަ މި ބައްދަލުވުމުގައި ސަރުކާރުން މި އަހަރުގެ މިހާތަނަށް ކުރި ހަރަދުގެ ތަފްސީލް ހިއްސާކުރުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވިއެވެ. އެކަމަކު ޕީއެންސީގެ މެންބަރުންނާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވޯޓުދެއްވީ ހަރަދުތަކުގެ ތަފްސީލުތައް ސިއްރުކުރުމަށެވެ. އެހެންވެ އެ ހުށަހެޅުން ފާހެއް ނުވިއެވެ.
ސަޕްލެމެންޓަރީ ބަޖެޓް ހުށަހަޅުއްވަމުން ޒަމީރު ބުރާސްފަތި ދުވަހު ވިދާޅުވީ، މި އަހަރަށް ފާސްކުރި 50 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދުވީ 38 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިދިޔަ ޖޫން މަހުން ފެށިގެން ފިނޭންސް މިނިސްޓްރީން ތަފާސްހިސާބު އާންމުނުކުރާތީ ހަރަދުތައް ހިނގިގޮތް ސާފެއް ނޫނެވެ. މިކަމާ ގުޅޭގޮތުން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ:
- އަހަރު ދެބައިވިއިރު ހަރަދުތަކުގައި ފަރަގު ހުރިކަން ފާހަގަވެގެން ފިސްކަލް ރިޕޯޓު ނެރުން ހުއްޓުވައި، އެކަން ހިނގިގޮތް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބެއްލެވި ކަމަށް
- އެގޮތުން ދެ ބިލިއަން ރުފިޔާ އާ ކައިރި އަދަދެއްގެ ފަރަގު ހުރިކަން ފާހަގަކުރެވުނު ކަމަށް
- ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވީ އެކަމަށް ގާނޫނީ ހައްލެއް ހޯދަން ސަރުކާރުން މަސައްކަތްކުރަމުން ދާ ކަމަށް