އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައަށް މެންޗެސްޓާ ސިޓީ އަރައިފިއެވެ.
ސިޓީ އެއްވަނައަށް އެރީ މިރޭ ސައުތްހެމްޓަންއާ ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށްގެން ލިބުނު 3 ޕޮއިންޓާއެކުއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖެހީ ސިޓީގެ ފޯވަޑް އާލިންގް ހާލެންޑެވެ.
މެޗުގެ 5 ވަނަ މިނެޓްގައި ހާލެންޑް ޖެހި މިލަނޑަކީ މިސީޒަންގައި އޭނާ ސިޓީއަށް ޖަހާ ދިން 14 ވަނަ ލަނޑެވެ.
އެއަށް ފަހު ސިޓީއަށް ލީޑު ފުޅާ ކުރާނެ ރަނުގެ ފުރުސަތުތައް ލިބުނު އިރު ސިޓީން ވަނީ މި ފުރުސަތުތައް ބޭކަރުކޮށްލާފައެވެ. އަދި ސައުތްހެމްޓަން އަށް ވެސް މެޗުގެ ނަތީޖާ އެއްވަރު ކުރަން ރަނގަޅު ޗާންސްތައް ލިބި ބޭނުން ނުކުރެވި ދިޔައެވެ.
މި ނަތީޖާއާއެކު ސިޓީ މިވަނީ އެއްވަނައިގައި އޮތް ލިވަޕޫލް ފަހަތަށް ޖައްސާލާ އެއްވަނައަށް އަރާފައެވެ. މިގޮތުން ސިޓީއަށް ވަނީ 9 މެޗު ކުޅެ 23 ޕޮއިންޓް ހޯދާފައެވެ. މާދަމާ ލިވަޕޫލު ތާވަލުގެ 3 ވަނައިގައި އޮތް އާސަނަލްއާ ވާދަކުރާ އިރު އެމެޗުން މޮޅުވެގެން އަލުން އެއްވަނައަށް ދިއުމުގެ ފުރުސަތު ލިވަޕޫލަށް އޮންނާނެއެވެ.
މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާ އިރު މެޗުގެ 96 ވަނަ މިނެޓާ ހަމައަށް 1-0 އިން ކުރީގައި އޮތް އެސްޓަން ވިލާކޮޅަށް ފަހު ވަގުތު ލަނޑެއް ޖަހާ ބޯންމޮތު ވަނީ 1-1 އިން މެޗު އެއްވަރުކޮށްފައެވެ. ވުލްވްޒްއާ ބްރައިޓަން ކުޅުނު މެޗު ވެސް އެއްވަރުވި އިރު އެމެޗު އެއްވަރުވީ 2-2އިންނެވެ.
އަނެއްކޮޅުން ބްރެންޓްފޮޑްއާ އިޕްސުވިޗް ކުޅުނު ފޯރިގަދަ މެޗު ނިމުނީ 3-4 އިން ބްރެންޓްފޯޑް މޮޅުވެގެންނެވެ.