މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިންޓަނޭޝަނަލް އޮޕަރޭޝަންސް ތަކަށް އަލުން ހުޅުވާލައިފިއެވެ.

މާފަރު އެއާޕޯޓު އިންޓަނޭޝަނަލް އޮޕަރޭޝަންސް ތަކަށް ހުޅުވާލާފައި ވަނީ ސަރަހައްދުގެ ގުޅުން ވަރުގަދަކޮށް، އިތުރުވަމުން ދާ މަތީ ފަންތީގެ ދަތުރުފަތުރުގެ ޑިމާންޑް އަމާޒުކޮށް ކަމަށް އޭވިއޭޓާސް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ފުރަތަމަ ހުޅުވާފައި ވަނީ ޑިސެމްބަރު 1، 2019 ގައެވެ. މާފަރު އެއާޕޯޓް ގާއިމްކޮށްފައި ވަނީއަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ފަންޑުކޮށްގެންނެވެ.

މާފަރު އެއާޕޯޓު އަލުން އިންޓަނޭޝަނަލް އޮޕަރޭޝަންސްތަކަށް ހުޅުވާލާފައި މިވަނީ ބޮޑެތި އަޕްގްރޭޑްތަކެއް ކުރުމަށްޓަކައި ބަންދުކުރުމަށްފަހުގައެވެ.

މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު އޮތް 453 އަކަމީޓަރުގެ ފަޔާ ރޯޑު ތަޅާލުމާއި، 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި، ސަބްބޭސް ތައްޔާރުކޮށް، ވެއަރިން ކޯސްއެއް އެޅުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތާއި އެއާފީލްޑް ލައިޓިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވެއެވެ.