ނ. މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު، އައިލޭންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުالله ޒިޔާދެވެ. އަދި އައިލޭންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމުމާއެކު އެއާޕޯޓްގެ ހިދުމަތް އިތުރަށް ޒަމާނީވެ ފުރިހަމަ ވެގެންދާނެ ކަމަށާއި މާފަރު އެކްސްޕޭންޝަން މަޝްރޫއުގެ މަސައްކަތް ނިމުމުން އެއާޕޯޓްގެ ހިދުމަތް އިތުރަށް ފުޅާވެ ވަޒީފާގެ ފުރުސަތު އިތުރުވެގެން ދާނެ ކަަމަށެވެ. ހަމައެއާއެކު ޕްރައިވެޓް ޖެޓްތައް ޕާކް ކުރާނޭ އިތުރު ޖާގަ ލިބުމާއެކު ޕްރައިވެޓް ޖެޓްތައް މާފަރު އެއާޕޯޓްގައި ޖައްސާ އަދަދު ވެސް ގިނަވެގެން ދާނެ ކަމަށާއި ފަތުރުވެރިން މި ސަރަހައްދަށް އަންނަ އަދަދު އިތުރުވެ އެއާޕޯޓަށް ޖެޓް ޕާކިންގް އިން ލިބޭ އާމްދަނީ ބޮޑުވެގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މިއީ ނ. އަތޮޅާއި އަދި މާފަރުގެ އިގްތިސޯދީ ތަރައްގީއަށް ކުރިއެރުންތަކެއް އަންނާނޭ މަޝްރޫއުތަކެއް ކަމުގައި ގަބޫލުކުރާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ކުރާން ހުރި މަސައްކަތްތަކުގެ ތެރޭގައި މިހާރު އޮތް 453 އަކަމީޓަރުގެ ފަޔާ ރޯޑު ތަޅާލުމާއި، 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި، ސަބްބޭސް ތައްޔާރުކޮށް، ވެއަރިން ކޯސްއެއް އެޅުން ހިމެނެއެވެ. ހަމައެއާއެކު 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތާއި އެއާފީލްޑް ލައިޓިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 29.85 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

1,250 މީހުންގެ އާބާދީއެއް އޮންނަ މާފަރު ރައްޔިތުން އާންމު ގޮތެއްގައި އާމްދަނީ ހޯދަން ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ގެދޮރު އިމާރާތްކުރުމުގެ މަސައްކަތެވެ. އަދި މީގެ އިތުރުން މާފަރު އެއާޕޯޓްގައި ވެސް ގިނަ އަދަދެއްގެ ރަށު ރައްޔިތުން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.