މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ކޮންމެ އަތޮޅަކަށް ފޯރުކޮށްދޭ ސޯލާ ޕީވީ ސިސްޓަމްތައް ދޫކުރާ އަދަދު ކަނޑައަޅާނީ، އެ އަތޮޅެއްގެ ކޮންސިއުމަރުންގެ އަދަދުންކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީއިން ބުނެފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ދިވެހިރާއްޖޭގައި ލިބެން ހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރުކުރުމަށް އަދޮ ދިވެހިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިން ސައްތަ އަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް އެކުލަވާލާފައިވާ މަގޭ ސޯލާ ޕްރޮގްރާމުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލު އެކުލަވާލާފައިވާކަމަށެވެ.

އެގޮތުން މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނީ ހަމައެކަނި ގޭބިސީތަކަށް ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ. މި ޕްރޮގްރާމަށް އެދި ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އޮކްޓޯބަރު 28، 2024 އިން ފެށިގެން އެޕްލިކޭޝަން ހުށަހެޅޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ކޮންމެ އަތޮޅެއްގެ ކޮންސިއުމަރުންގެ އަދަދަށް ބެލުމަށްފަހު ސިސްޓަމް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދު މިހާރު ކަނޑައަޅާފައިވާއިރު އާބާދީ އެންމެ ބޮޑު އައްޑޫ ސިޓިއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 88 ސިސްޓަމެވެ. ދެން އެންމެ ގިނަ ސިސްޓަމް ދޫކުރުމަށް ނިންމާފައިވަނީ ހދ. އަތޮޅަށެވެ. އެ އަތޮޅަށް 77 ސިސްޓަމް ދޫކުރުމަށް ހަމަޖެހިފައިވާއިރު ކ އަތޮޅަށް ދޫކުރުމަށް ނިންމާފައިވަނީ 5 ސިސްޓަމެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ހަރުކުރެވޭނެ ގޭބިސީތަކާއި، ގޭބިސީތަކަށް ދޫކުރެވޭ ސޯލާ ޕީވީ ސިސްޓަމްގެ ސައިޒު ކަނޑައަޅާނީ ނެޓް މީޓަރިން އުސޫލުގެ ދަށުން އެދި ފެނަކަ ކޯޕަރޭޝަނަށް ހުށަހަޅާ ގޭބިސީތައް ސާވޭ ކުރުމަށްފަހު ކަމަށެވެ. އިތުރަށް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ސޯލާ ޕީވީ ސިސްޓަމަކަށް އެޑްވާންސް ޕޭމަންޓެއް ނުނަގާނެކަމަށެވެ. ނަމަވެސް ހަރުކުރުމުގެ ފީގެ ގޮތުގައި ސިސްޓަމުގެ އަގު ނަގާނެކަމަށާއި މި އަށް ވާ ރުފިޔާ ކޮންޓްރެކްޓުގައި ސޮއިކުރާއިރު ދައްކަންޖެހޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރެވޭނީ 3 އަދި 5 ކިލޯވޮޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތަކެވެ.

  • މި ޕްރޮގްރާމުގެ ދަށުން ދޫކުރާ 3 ކިލޯވޮޓުގެ ސިސްޓަމެއްގެ އަގަކީ -/45،000 (ސާޅީސް ފަސް ހާސް ރުފިޔާ)
  • މި ޕްރޮގްރާމުގެ ދަށުން ދޫކުރާ 5 ކިލޯވޮޓުގެ ސިސްޓަމެއްގެ އަގަކީ -/75،000 (ހަތްދިހަ ފަސްހާސް ހާސް ރުފިޔާ)
  • މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ސިސްޓަމްތަކަށް އަގު ނެގުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ ދައްކާގޮތަށް ނުވަތަ 5 އަހަރަށް ބަހާލައިގެން އިންސްޓޯލްމަންޓު ޕްލޭނެއްގެ ދަށުން.

އަގު އައަދާކުރެވިދާނެ ގޮތްތައްކަމުގައި މިނިސްޓްރީން ބުނީ

  • އެއްފަހަރާ އަގު އަދާކޮށް ހަލާސް ކުރާގޮތަށް
  • މަހުން މަހަށް ދައްކާ ހަލާސް ކުރާގޮތަށް.
  • މަހުން މަހަށް ދައްކާ ހަލާސް ކުރާނަމަ ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި އެމަހަކު ދައްކަންޖެހޭ އަދަދު ހިމެނޭނެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ހޯދާ އެސިސްޓަމަށް މަހުން މަހަށް ކަރަންޓު ބިލުގައި ހިމަނައިގެން އަގު އަދާކުރާ ފަރާތްތަކުން އަގު ނުދެއްކުމުން އަމަލުކުރާނީ މިހާރުވެސް ކަރަންޓު ބިލު އަދާނުކުރުމުން ހިނގާ އުސޫލުން ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ހަރުކުރާ ސޯލާ ޕީވީ ސިސްޓަމްތައް މަރާމާތުކޮށް ބަލަހައްޓަންޖެހޭނީ އެ ސިސްޓަމެއްގެ ވެރިފަރާތުން/ ގޭބިސީތަކުން ކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.