ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ހުސްވެފައިވާ މެންބަރުކަމުގެ މަގާމުތަކަށް އައްޔަންކުރާނެ ހަތަރު ބޭފުޅުން ރައްޔިތުންގެ މަޖިލީހުން މިއަދު ކަނޑައަޅައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ފަސް މެންބަރަކު ތިއްބަވައެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ލަފަޔާ އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ހަތަރު މެންބަރަކު ވަކިކުރުމަށެވެ. އެހެންވެ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ރައީސް އޮފީހުން ހުޅުވާލުމުން 13 ބޭފުޅަކު ކުރިމަތިލެއްވިއެވެ.
އެ ބޭފުޅުންނާ ރޭ އިންޓަވިއުކުރުމަށް ފަހު ޖުޑީޝަރީ ކޮމިޓީން ވަނީ މިއަދުގެ ޖަލްސާގައި، 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނު ހަތް ބޭފުޅެއްގެ ނަން މިއަދުގެ ޖަލްސާ އަށް ހުށަހަޅައިފައެވެ. އެ ބޭފުޅުންނަކީ:
- އަބްދުލްޣަނީ މުހައްމަދު, ހ. ހޯސްސައިޑް (93 ޕަސެންޓު)
- އިބްރާހީމް ޝަރީފް, ގ. އަލިޝާ (84 ޕަސެންޓު)
- ހަސަން ޒުހައިރު މުހައްމަދު, ގ. މާވަރުލު (83 ޕަސެންޓު)
- މުހައްމަދު އަމީން ޒާހިރު, ނީލާ / އައްޑޫ ހިތަދޫ (78 ޕަސެންޓު)
- އަބްދުﷲ އަބްދުލްހަކީމް, އަޒާން ޕެލަސް / ޅ. ނައިފަރު (76 ޕަސެންޓު)
- އަލީ ރިޒާ އިސްމާއިލް, ހުޅުމާލެ ހިޔާ 2 / 13-03 (76 ޕަސެންޓު)
- ޝިފްޒާ އަބްދުލްގައްޔޫމް, ގަސްދޮށުގެ / ގއ. ނިލަންދޫ (75 ޕަސެންޓު)
މި ހަތް ބޭފުޅުންގެ ތެރެއިން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ރުހުންދިނީ އަބްދުލްޣަނީއަށާއި ޝަރީފަށާއި ޒުހައިރުގެ އިތުރުން ޝިފްޒާއަށެވެ. މިއިން ކޮންމެ ބޭފުޅަކަށް ވެސް ރުހުންދޭން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއެވެ.
ބާކީ ތިއްބެވި ބޭފުޅުންނަށް ރުހުން ނުދޭން ފެންނަ ކަމަށް މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.
ޖުޑީޝަރީ ކޮމިޓީން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަ ބެލުމަށް ފަހު ވަނީ:
- ބައެއް މެންބަރުން މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ނުހައްގު މުއްސަނދިކަން ހޯދިކަމުގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި
- ޓްރައިބިއުނަލްގެ ބެންޗް ކަނޑައެޅުމާއި ރިޔާސަތު ކަނޑައެޅުމުގެ ބާރު ރައީސަށް ދީފައި އޮންނަ އޮތުން ބަދަލުކޮށް، ގަވައިދު އިސްލާހު ކުރުމަށް ހުށަހަޅާފައި