ސަރުކާރުން އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި މަސްއޫލިއްޔަތުތައް ހާމަކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީ މެންބަރުންގެ ފަރާތުން އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދައުލަތުގެ އެކި މުއައްސަސާތަކާއި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެކި މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ނިންމާފައިވާ ކަން ފާހަގަކުރެއްވިއެވެ.
އެއާއެކު އޭނާ ގޮވާލެއްވީ މިހާތަނަށް ސިޔާސީ މުވައްޒަފުންގެ ގޮތުގައި ސަރުކާރުން އައްޔަންކުރި ފަރާތްތަކުގެ އަދަދާއި މަގާމުގެ މަސްއޫލިއްޔަތުތައް ހާމަކުރުމަށެވެ.
އެ މައްސަލައަށް ބަހުސްކުރުމާ މެދު ގޮތެއް ނިންމުމަށް ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވީ މައްސަލައަށް ބަހުސްކުރުމަށް ނުފެންނަ ކަމަށެވެ. ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ. ވުމާއެކު ކުއްލި މައްސަލަ ބަލައިގެންފައި ނުވެއެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށް ގޮވާލައި މިދިޔަ ޖުލައި މަހު ވެސް އެމްޑީޕީގެ މެންބަރުންގެ ފަރާތުން ކުއްލި މައްސަލައެއް ހުށަހަޅާފައިވެއެވެ. އެފަހަރު އެމްޑީޕީން ސަރުކާރަށް ގޮވާލީ ސިޔާސީ މަގާމުތަކުގެ އަދަދުތައް ހާމަކުރުމުގެ އިތުރުން އެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ހޭދަކުރާ އަދަދު ހާމަކުރުމަށެވެ. އެ މައްސަލަ ވެސް ވަނީ ބޭރުކޮށްލައިފައެވެ.