ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އަންހެނުންނަށް ހާއްސަ އިލެކްޓްރީޝަން ކޯހެއް ހިންގުމަށް ތައްޔާރު ވެއްޖެއެވެ.
މި ކޯސް ހިންގުމުގެ މައިގަނޑު މަގްސަދަކީ އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި، އެ ދާއިރާގައި ފިރިހެނުންނާއި އެއް ހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ހިލޭ ބައިވެރިވެވޭ މި ކޯހުގައި ބައުވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ކޯހުގައި ރައްކާތެރިގޮތުގައި ކަރަންޓު ބޭނުން ކުރުމާއި، ކަރަންޓަށް ކުރާ ހަރަދު ކުޑަ ކުރުމުގެ އިތުރުން، ކަރަންޓު ވަޔަރ ކުރުމުގެ އަސާސީ މައުލޫމާތު ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
4 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ކޮންމެ ދުވަހަކުވެސް 3 ގަޑިއިރު ކިޔަވާދިނުމަށް ހަމަޖެހިފައި ވެއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާލޭގައެވެ. އަދި 16 އަހަރުން މަތީގެ ކޮންމެ އަންހެނަކަށްވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ކޯހާއި ގުޅޭ އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން 3338244 / 3338236 އަށް ގުޅަައިގެން ނުވަތަ [email protected] މެއިލް ކޮށްގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހާއްސަ ކިއުއާރް ކޯޑު ސްކޭން ކޮށްގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.