މަންމައަށް އަނިޔާކޮށް ބިރުދައްކާ ފޯނެއް ފޭރިގަތް މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ހ. އެހަޑަ، ކ.މާލެއަށް ނިސްބަތްވާ މުހައްމަދު އިސްމާއީލް ކަމަށެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓެއްގެ އެޕާޓްމެންޓަކުން އަންހެނަކު ރޯ އަޑު އިވޭކަމަށް ބުނެ އިއްޔެ 18:17 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއާއެކު ފުލުހުން އެ އެޕާޓްމެންޓަށް ދިއުމުން އަންހެނަކު ދޮރު ހުޅުވިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ އަންހެން މީހާއާއި ހަވާލާދީ ފުލުހުން ބުނީ އެ އަންހެން މީހާގެ ދަރިފުޅު މުހައްމަދު އިސްމާއީލް އޭނާއަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ ފޯނުވެސް ފޭރިގަނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިސްމާއީލް ހައްޔަރުކޮށްފައިވާއިރު މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.