އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގައި ހޯދަމުން ދަނީ މ. މުލައް، ގަނދަކޯޅިމާގެ، އަހްމަދު ރާއިފް (25އ) އާއި ގ. ރަންނާޅިގެ އިސްމާއީލް ޝައިމަން (28އ.) އެވެ.

ފުލުހުން ބުނީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މި ދެ މީހުން ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ފުލުހުން ވަނީ، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް މިމަހުގެ 31 ވަނަ ދުވަހުގެ 14:00ގެ ކުރިން މި ދެ މީހުން ހާޒިރުވުމަށް އަންގާފައެވެ.