ދިވެހިރާއްޖޭގެ ކުރިއެރުމަށް އިސްލާމީ ޝަހްސިއްޔަތަކީ ޒުވާނުންގެ ދިރިއުޅުމުގެ އެއްބައި ކަމުގައި ހަދަން ޖެހޭ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ މިހާރު ދިވެހި މުޖުތަމައަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއްގެ ހައްލަކީވެސް ޒުވާނުން އިސްލާމީ ހަމަތަކުގެ ތެރެއިން ކަންކަން ބައްޓަން ކުރުން ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މާދަމާ މިގައުމުގެ މުސްތަގުބަލު ބިނާވަނީ މިއަދުގެ ޒުވާނުންނަށް ކަމަށާއި އެހެންކަމުން ޒުވާނުންނަކީ އިގްތިސާދީ ކުރިއެރުމަށް ފަހިވާގޮތަށް އުފެއްދުންތެރި ބަޔަކަށް ވާން ޖެހޭ ކަމަށެވެ. އަދި މިކަންކަން ހާސިލުކުރުމަށް ސަރުކާރުން ތަންފީޒުކުރަމުންދާ ޒުވާނުންގެ ސިޔާސަތުން ޒުވާނުން އެންމެ އެދެވޭ މަންފާ ލިބިގަންނަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެންމެ އިސްކަމެެއް ދޭ އެެއްކަމަކީ ޒުވާނުންގެ ސިއްހަތުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އަދި ޒުވާނުންނަކީ ޒިންމާދާރު މުރާލި ބަޔަކަށް ވުމަށްވެސް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވޭޕާއި އެއާ ގުޅޭ ތަކެތި މަނާކުރަން ނިންމަވާފައެވެ. އެގޮތުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ވާނެއެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ވެސް މަނާކޮށް އެކަން ފެށޭ ތާރީހަކީ ޑިސެމްބަރު 15، 2024 އެވެ.