ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަން ޖެހޭ ފައިސާ ގެ ތެރެއިން މިހާތަނަށް ނުދައްކާ އޮތީ، 703 މިލިއަން ރުފިޔާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ގަވާއިދުގެ ތެރެއަށް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތައް ފަށައިގެން ކުރިއަށްދާ ކަމަށާއި، އެކަމުގައި ކާމިޔާބުތަކެއް ލިބެމުން އަންނަ ކަމަށެވެ.
މީގެ ކުރިން ސަރުކާރުން އާންމުކުރި މައުލޫމާތުތަކަށް ބާލާއިރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ. މި ކަމާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އިހްސާން ވިދާޅުވީ، ޖުމްލަ 1.7 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާރު ދައުލަތަށް ލިބިފައިވާ ކަމަށެވެ. މިހާރު ނުލިބި ވަނީ 703،790،250 ރުފިޔާ ކަމަށް އިހްސާން ވިދާޅުވިއެވެ.
ބިޮދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރަންގި އޮޕަރޭޝަންއާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން އިހްސާން ވިދާޅުވީ، ޖޫން މަހުގެ 3 ވަނަ ދުވަހު ފެށި މި އޮޕަރޭޝަނުގައި މިހާތަނަށް 6891 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށެވެ. މިހާތަނަށް 82 ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ އިރު، އަމާޒަކީ އެއް އަހަރުތެރޭގައި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ މަސައްކަތް ކުރިއަށްދާ ބާރުމިނުގައި ކުރިއަށްދާ ނަމަ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
ރާއްޖޭގެ 82 ރަށެއްގައި މިހާރު ހިންގަމުން އަންނަ ކުރަންގި އޮޕަރޭޝަން ވަރަށް އަވަހަށް މާލޭ ސަރަޙައްދުގައި ވެސް ފަށާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. މާލެގައި މި އޮޕަރޭޝަން ފަށާނެ ތާރީހަކީ އަންނަ މަހުގެ އެއްވަން ދުވަސް ކަމަށް އިހްސާން ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި 150 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ހިންގާ މަސައްކަތްތައް 3 އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއް ކަމަށެވެ.