މަންމައަށް އަނިޔާކޮށް ބިރުދައްކާ ފޯނެއް ފޭރިގަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ހ. އެހަޑަ، ކ.މާލެއަށް ނިސްބަތްވާ މުހައްމަދު އިސްމާއީލް ކަމަށެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓެއްގެ އެޕާޓްމެންޓަކުން އަންހެނަކު ރޯ އަޑު އިވޭކަމަށް ބުނެ އިއްޔެ 18:17 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއާއެކު ފުލުހުން އެ އެޕާޓްމެންޓަށް ދިއުމުން އަންހެނަކު ދޮރު ހުޅުވިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އަންހެން މީހާއާއި ހަވާލާދީ ފުލުހުން ބުނީ އެ އަންހެން މީހާގެ ދަރިފުޅު މުހައްމަދު އިސްމާއީލް އޭނާއަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ ފޯނުވެސް ފޭރިގަނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގްނެ ފުލުހުން ވަނީ މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައެވެ. މީގެއިތުރުން ފުލުހުން ބުނީ އެ އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.