އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި މިރޭ ތިން އެކްސިޑެންޓެއް ހިނގައި، ހަތް މީހަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭގެ އެކި ވަގުތުތަކުގައި ހިނގި މި އެކްސިޑެންޓްތަކުގައި އަނިޔާވެފައި ވަނީ ހަ ފިރިހެނަކާއި އަންހެނަކަަށް ކަމަށެވެ. އޭއީއެޗް އާއި ހަވާލާދީ ފުލުހުން ބުނީ މި އެކްސިޑެންޓުތަކުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ކޮންމެ އެކްސިޑެންޓެއްވެސް ހިނގާފައި ވަނީ ދެ ސައިކަލު ޖެހިގެން ކަމަށެވެ. އަދި މި ތިން އެކްސިޑެންޓްގެ ތެރެއިން ދެ އެކްސިޑެންޓްގެ ސީނަށް ފުލުހުން ދިޔައިރު، ރޫޅާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

އައްޑޫ ސިޓީއަކީ މަގުމަތީގެ އެކްސިޑެންޓުތައް ގިނަ ސިޓީއެކެވެ. އެގޮތުން އައްޑޫ ލިންކްރޯޑްގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލި މުދަލަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ގިނަ މަގުތައް ތާރުއަޅާ ރަނގަޅު ފެންވަރަކަށް ހަދާފައިވާއިރު، އެ ސިޓީގައި މަގުމަތީގެ ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތައް ތަންފީޒުނުކުރެވޭ ކަމުގެ ޝަކުވާތައް ގިނައެވެ.