ދިވެހިރާއްޖޭގެ މަގުތަކަކީ އެންމެންގެ ރައްކާތެރިކަމާއި އަމާންކަމަށްޓަކައި ބޭނުންކުރެވެންޖެހޭ ތަންތަނެވެ. ނަމަވެސް، މިއަދު މި މަގުތަކުން ފެންނަނީ ހިތްދަތި މަންޒަރުތަކެކެވެ. ކޮޅުނެތްކޮޅަށް ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކާއި، ފަރުވާކުޑަކަމާއެކު ހިންގާ ނުރައްކާތެރި ހަރަކާތްތަކުގެ ސަބަބުން މަގުތައް މިވަނީ ބިރުވެރި މަޅިއަކަށް ބަދަލުވެފައެވެ. ކުށެއް ނެތް ކުޑަކުދިންނާއި، ދުވަސްވީ މީހުން އަދި ޒުވާނުންގެ އަގުހުރި ފުރާނަތައް މި ނުރައްކަލުގެ ތެރޭގައި ގެއްލި، އެތައް އާއިލާއެއްގެ ދިރިއުޅުން ކަރުނައިން ފުރިގެންދެއެވެ.
ތަފާސްހިސާބުން ހާމަވާ ބިރުވެރި ހަގީގަތް
ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ހުރި ޖިނާއީ ކުށްތަކުގެ އަދަދުތަކުން މުޖުތަމައުގެ ހާލަތު އޮތް ނާޒުކު މިންވަރު ސާފުވެއެވެ. ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި ޖުމްލަ 8،484 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ އިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކުރި 7،730 މައްސަލައާ އަޅާބަލާއިރު ފާހަގަކުރެވޭ ބޮޑު އިތުރުވުމެކެވެ.
ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެކްސިޑެންޓްގެ 2،161 މައްސަލަ ހުށަހެޅިފައިވާއިރު، މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ގާތްގަނޑަކަށް 8.8 (ގާތްގަނޑަކަށް 9 ނުވަތަ 8 އަށް ވުރެ ގިނަ) އެކްސިޑެންޓެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކުރި 1،841 އެކްސިޑެންޓާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
ހިތްދަތި ހާދިސާތަކާއި ގެއްލިދިޔަ ފުރާނަތައް
ތަފާސްހިސާބުތަކުގެ ފަހަތުގައި ވަނީ ހިތްފަޅައިގެންދާ ފަދަ އިންސާނީ ހިތާމަތަކެވެ. ހާއްސަކޮށް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ފަހަކަށް އައިސް ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކަކީ މުޅި ގައުމު ސިއްސުވާލި ހާދިސާތަކެކެވެ.
އެގޮތުން، ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީގައި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ސައިކަލުން މަގުމައްޗަށް ވެއްޓުނު އުމުރުން އެންމެ 9 އަހަރުގެ މައުސޫމު ކުއްޖާގެ ފުރާނަ ގެއްލިގެން ދިޔަ ހާދިސާއަކީ މުޅި މުޖުތަމައު ރޮއްވާލި ކަމެކެވެ. މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، އަލުން އެ ކާރަށް އަރަން އުޅުމުގެ ތެރޭގައި އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު ކޮންޓްރޯލުން ނެއްޓި، އަނެއް ލޭނުން ބާރަށް އައި ކާރެއްގެ ދަށުވެ އެ ކުއްޖާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. މި ހާދިސާގައި ހިމެނޭ އެއް ޑްރައިވަރަކީ ލައިސަންސް ކުރިންވެސް ހިފަހައްޓާފައި ހުރި މީހެއްކަން ފުލުހުންގެ ތަހުގީގުން ވަނީ އެނގިފައެވެ.
ހަމައެއާއެކު، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސް މަގާއި ހީނާމާ ހިނގުން ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި 62 އަހަރުގެ ދިވެހި ފިރިހެނެއްގެ ސިކުނޑިއަށް ލޭއެޅި، ބޮލުގެ ބޮޑު އޮޕަރޭޝަނަކަށްފަހު އޭނާއަށް ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންނެވެ. މިފަދަ ހިތާމަވެރި ހާދިސާތައް މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގައި ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދަނީ ތަކުރާރުވަމުންނެވެ.
ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ފަރުދީ ޒިންމާ
މަގުމަތީގެ އެކްސިޑެންޓްތައް މިހާ ބޮޑަށް އިތުރުވެގެން ދަނީ ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވުމާއި، ޓްރެފިކް ނިޝާންތަކަށް ބޯނުލެނބުމާއި، ވާހަކަދައްކަމުން ނުވަތަ ފޯނަށް ބަލަމުން އުޅަނދު ދުއްވުން ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ. ހަމައެހެންމެ، މަގު ހުރަސްކުރާ މީހުންނާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކުން ވެސް މަގުމަތީގެ ގަވާއިދުތަކަށް ފަރުވާތެރިވެ، ޒިންމާދާރުކަން އިސްކުރަން ޖެހެއެވެ.
އިސްލާމްދީނުގައި އެހެން މީހުންގެ ފުރާނަ އާއި މުދަލަށް ރައްކާތެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކޮށްފައިވާ ކަމެކެވެ. މަގުމައްޗަކީ އެންމެންގެ ހައްގެކެވެ. އެހެންކަމުން، މަގުމަތީގެ އަދަބުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ހަމައެކަނި ގާނޫނީ ވާޖިބެއް ނޫނެވެ. އެއީ ދީނީ އަދި އަހުލާގީ ބޮޑު ޒިންމާއެކެވެ.
ފަރުދީ ޒިންމާ އަދާކުރުމުގައި ކޮންމެ މީހަކަށްވެސް ކުރެވޭ ކުޑަކުޑަ ފަރުވާކުޑަކަމެއްގެ ސަބަބުން، އަނބުރާ ނުލިބޭނޭ ފަދަ އަގުހުރި އިންސާނީ ފުރާނައެއް ވަކިވެގެން ހިނގައިދާނެއެވެ. އެހެންކަމުން، ސައިކަލުގެ ނުވަތަ ކާރުގެ އެކްސެލެރޭޓަރަށް ފިތާލުމުގެ ކުރިން، ތިމާގެ އަމިއްލަ ނަފްސާއި އަނެކުންގެ ފުރާނައާމެދު ވިސްނާލަން ޖެހެއެވެ. މަގުމަތީގެ އަމާންކަން ގާއިމުކުރެވޭނީ ދައުލަތުގެ މުއައްސަސާތަކުގެ ފިޔަވަޅުތަކުގެ އިތުރުން، ކޮންމެ ފަރުދަކުވެސް މަގުމަތީގައި ތަހުޒީބު، ޒިންމާދާރު ރައްޔިތަކަށް ވެގެންނެވެ. މިއަދު އަޅުގަނޑުމެން ހޭނާރައިފި ނަމަ، މާދަމާ މި ބިރުވެރި ހާދިސާތަކުގެ ޝިކާރައަކަށް ވާނީ ތިމާ ނުވަތަ ތިމާގެ ލޯބިވާ އާއިލާގެ މެންބަރަކަށް ވުމީ ދުރުގައިވާ ކަމެއް ނޫނެވެ.
