ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކުރުމުގެ އިތުރުން ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭ އުމުރު 21 އަހަރަށް މަތިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިކަން އިއުލާނުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޒުވާނުން ދުންފަތާ ދުރުކުރުމަށްޓަކާ ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ހެދުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މި ގަވައިދުތަކާ ހިލާފުވާ މީހުންނާމެދު އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށެވެ.

ވޭޕާއި އެއާ ގުޅޭ ތަކެތި މަނާކުރަން ސަރުކާރުން ނިންމާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އެކަން އިއުލާނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް އެތެރެކުރުން އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާވާނެ ކަމަށާއި، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އޭގެ މަހެއްހާ ދުވަސް ފަހުން މަނާވާނެ ކަމަށެވެ.

އެހެންކަމުން ވޭޕް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުން ރަސްމީކޮށް ތަންފީޒުކުރެވެން ފެށޭނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ވޭޕްގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މާސްޓާޕްލޭނެއް އެކުލަވާލަން ވެސް ރައީސް އިއުލާނުކުރެއްވިއެވެ. އެ މާސްޓާޕްލޭންގައި ހިމެނުމަށް ރައީސް ނިންމެވި ބައެއް ކަންކަމަކީ:

  • ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށާއި، ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރަފްކުރުން
  • އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން
  • ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން

ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ބޭނުންކުރުން މަނާކުރަން ނިންމުމުން ވޯލްޑު ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.