ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ ކުއްޖާގެ ފަރާތުން ދިން ހެކިބަހުގައި ފުށު އެރުންތަކެއް ވާކަމަށް ބުނެ އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ މައްސަލައެއް ނޫން ކަމަށް ނިންމުމާއެކު އެ ހުކުމް އިސްތިއުނާފްކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ތައްޔާރުވެއްޖެއެވެ.
މި މައްސަލަ އަކީ 16 އަހަރުގެ ފިރިހެން ކުއްޖަކާ މެދު އެހެން ފިރިހެނަކު ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތުވާ މައްސަލައެކެވެ. މި މައްސަލައިގައި ދައުވާ ލިބުނު މީހާ ވަނީ ކުއްޖާގެ ފޮޓޯތަކެއް ނަގަން، އޭނާ މަސައްކަތްކުރާ ތަން ހުޅުވާފައި ނުހުންނަ ވަގުތެއްގައި ކުއްޖާ ގެންގޮސްފައެވެ.
މި މައްސަލައިގައި އެ މީހާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އާއި ޖިންސީ ގުނަވަނެއް ކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ދައުވާއެވެ. މި ދައުވާތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ކުރި ހުކުމުގައި ވަނީ ރަށު ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތަށް ސްކޫލްގެ ކައުންސިލަރާއި ކުއްޖާގެ މަންމަ އާއި ފެމެލީ އެންޑް ޗިލްޑްރެންސް ސާވިސްގެ ކޭސް ވޯކަރާއި ސައިކޮލޮޖިސްޓް އަދި އެކުވެރިއެއް ދީފައިވާ ހެކިބަހުގައިވެސް ފުށުއެރުންތަކެއް ވާކަމަށެވެ. ހުކުމްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ކުއްޖާ ތަހުގީގަށް ދިން ބަޔާނުގައި، ދައުވާ ލިބޭ މީހާ އެ ކުއްޖާގެ ކިބައިން އެދުނު ޖިންސީ ބައެއް ކަންކަމުގެ ވާހަކަ ޝަރީއަތުގައި ހެކިބަސް ދެމުން ބުނެފައެއް ނުވެ އެވެ. އަދި ޖިންސީ މަންޒަރު ފެންނަ ވީޑިއޯއެއް ދެއްކި ކަމަށް ވެސް ކުއްޖާ ޝަރީއަތުގައި ނުބުނާ ކަމަށް ހުކުމުގައިވެއެވެ.
އެހެންވެ ކުއްޖާގެ ބަހަކީ މި މައްސަލާގައި ވަރުގަދަ ހެއްކެއްގެ ގޮތުގައި ބެލެން ނެތްކަން ގާޒީ ވަނީ ފާހަގަ ކުރައްވައިފައެވެ. އެއީ ކުއްޖާގެ ވާހަކަތަކާއި ހެކިބަސްތަކުގައި ހުރީ ބޮޑެތި ފުށުއެރުންތަކެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ހުކުމްގައިވެއެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ ޖުލައި މަހުގެ 25 ވަނަ ދުވަހު ކުރި މި ހުކުމް އިސްތިއުނާފު ކުރަން މާދަމާ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ހުކުމް އިސްތިއުނާފު ކުރަން ލިބޭ 60 ދުވަހުގެ މުއްދަތު ހަމަވާނީ މާދަމާ އެވެ.