ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ބޭނުންކުރުން މަނާކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ކައިރީ އާންމު ރައްޔިތުން އިހްތިޖާޖުކޮށްފިއެވެ.
ވޭޕް މަނާ ކުރުމާ ދެކޮޅަށް އިހްތިޖާޖު ކުރަމުންދިޔަ މީހުން ތިބީ އެކަމާ ގުޅޭ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ވެސް ހިފައިގެންނެވެ. އެގޮތުން ވޭޕާ މަނާ ކުރުމުގެ ބަދަލުގައި އެކަން ރެގިއުލޭޓް ކުރުމަށް ބައެއް ބޯޑުތަކުގައި ލިޔެފައިވެއެވެ.
މީގެއިތުރުން ވޭޕް މަނާ ކުރުމުން ކުދި ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ވެސް އިހްތިޖާޖުގެ ބައިވެރިން ދިޔައީ ބުނަމުންނެވެ.
ވޭޕާއި އެއާ ގުޅޭ ތަކެތި މަނާކުރަން ސަރުކާރުން ނިންމާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އެކަން އިއުލާނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް އެތެރެކުރުން އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާވާނެ ކަމަށެވެ.
ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އޭގެ މަހެއްހާ ދުވަސް ފަހުން މަނާވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ވޭޕް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުން ރަސްމީކޮށް ތަންފީޒުކުރެވެން ފެށޭނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ވޭޕްގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މާސްޓާޕްލޭނެއް އެކުލަވާލަން ވެސް ރައީސް އިއުލާނުކުރެއްވިއެވެ. އެ މާސްޓާޕްލޭންގައި ހިމެނުމަށް ރައީސް ނިންމެވި ބައެއް ކަންކަމުގެ ތެރޭގައި ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށާއި، ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރަފްކުރުން ހިމެނެއެވެ.
މީގެއިތުރުން އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުމާއި ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.