ޑިސެމްބަރު 1، 2024 އިން ފެށިގެން އަމަލުކުރާ ގޮތަށް ޑޕާޗާ ޓެކްސް 100 ޕަސެންޓު އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައި ވާތީ އެއާލައިން އޮޕަރޭޓާސް އެސޯސިއޭޝަން (އޭއޯއޭ) އިން ކަންބޮޑުވުން ތަކެއް ފާޅުކޮށްފިއެވެ.

އޭއޯއޭ އިން ބުނީ ސަރުކާރަށް އިތުރު އާމްދަނީއެއް ބޭނުންވާކަން ގަބޫލުކުރާ ކަމަށާއި އެހެންނަމަވެސް މިގެނައި ބަދަލާއެކު ރާއްޖޭގެ އިގްތިސާދީ މައި ތަނބުކަމުގައިވާ ފަތުރުވެރިކަމާއި އޭވިއޭޝަންގެ ދާއިރާއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށެވެ. އޭއޯއޭ އިން ބުނީ ރާއްޖެއިން ވަރަށް ބޮޑަށް ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށް ކަމަށާއި، 2023 ވަނަ އަހަރު މި ދާއިރާއިން 13.5 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އޭއޯއޭ އިން ބުނީ ޑިޕާޗާ ޓެކްސް ބޮޑުކުރުމާ ގުޅިގެން، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދަށް ބަދަލުތައް އަންނާނެ ކަމަށެވެ. މިކަމުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު މަދުވެ، ހޮޓާތަކަށް ދާ މީހުންގެ އަދަދު ދަށްވެ، ނަތީޖާއެއް ގެ ގޮތުން ރާއްޖެއަށް ގެއްލުން ލިބި، ސަރުކާރުގެ އާމްދަނީ އިތުރުވުމުގެ ބަދަލުގައި ދަށްވެގެން ދާނެކަމަށެވެ.

ރާއްޖޭގެ ބޭރު ފައިސާގެ އާމްދަނީ އާއި އިގްތިސާދީ ހަމަޖެހުމުގައި ފަތުރުވެރިކަމުގެ އާމްދަނީ އަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ފާހަގަކޮށް އޭއޯއޭ އިން ބުނީ ފަތުރުވެރިކަމުގެ މާކެޓިން އަށް ހަރަދުކުރާ ކޮންމެ 5 ޑޮލަރަކަށް ސަރުކާރަށް 600 ޑޮލަރު ލިބޭކަމަށެވެ. އަދި ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ ކަންކަމަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ހިލާފު ކަމެއް ކަމަށް ވެސް އޭއޯއޭ އިން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ހަވާލާ ދެނީ އައިސީއޭއޯގެ ޑޮކިއުމެންޓް 9082 ގައި ބުނެފައި ވާ، އެއާޕޯޓް ޗާޖުތައް ދައްކަން ޖެހޭނީ ހަރަދާ ގުޅިގެން ކަމަށް ބުނާ މާއްދާއަށެވެ.

އޭއޯއޭ އިން ބުނީ ހިދުމަތަށް އެއްވެސް ކުރިއެރުމެއް ނުލިބި ކުއްލިއަކަށް 100 ޕަސެންޓު އިތުރުވުމުން ބައިނަލްއަގްވާމީ ދަތުރުވެރިންނަށް ނިސްބަތުން ބޮޑު އަސަރެއް ކުރާނެކަމަށެވެ. ސަރުކާރުގެ ނިންމުމާ ގުޅިގެން އިތުރަށް ބުނެފައި ވަނީ އައިސީއޭއޯ އިން ލަފާދީފައިވާ މަޑުމަޑުން ތަންފީޒު ކުރުމުގެ އުސޫލަށް ތަބާނުވެ އަދި އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންގެ އެކަށީގެންވާ މަޝްވަރާއެއް ނުލިބި ނިންމި ނިންމުމާ މެދު ކަންބޮޑުވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބުރައެއް އުފުލުމުގެ ބަދަލުގައި އާމްދަނީ ހޯދުމަށް އެހެން މަގުތައް ހޯދުމަށް އޭއޯއޭ އިން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެެވެ. އާމްދަނީގެ ވަސީލަތްތައް ތަފާތު ކުރުމާއި، ސަރުކާރުގެ ހަރަދުތަކުގެ ވަސީލަތްތައް ރަނގަޅު ކުރުމާއި، ނުވަތަ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕްތައް އުފެއްދުމަކީ ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ނުކޮށް މާލީ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެހީތެރިވެދޭނެ ކަންކަން ކަމުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްތަކަށް މާބޮޑު ކުރިއެރުމެއް ނުލިބި 2022 ވަނަ އަހަރު ބޮޑުކުރި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާ ގުޅިގެން ވެސް އޭއޯއޭ އިން ކަންބޮޑުވުން ފާޅު ކުރިއެވެ. ޕްރައިވެޓް ޖެޓްތަކުގެ އަދަދު މިހާރުވެސް ދަށްވަމުން އަންނަ ކަމަށާއި 2022 ގައި 2350 ޖެޓް އައިއިރު 2024 ގައި އައީ 1،060 ޖެޓް ކަމަށެވެ. އަދި ޓެކްސް އިތުރަށް ބޮޑުކުރުމުން ފަތުރުވެރިންގެ އަދަދު މަދުވެ، ލަގްޒަރީ ރިސޯޓަށް ނުރައްކާވެދާނެ ކަމަށް އޭއޯއޭ އިން ވަނީ ބުނެފައެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ގާނޫނަށް ގެންނަ އިސްލާހު މަޖިލިހުން ފާސްވެއްޖެ ނަމަ، ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާނީ 120 ޑޮލަރެވެ. އެއީ 100 ޕަސެންޓުގެ އިތުރުވުމެކެވެ. ފަސްޓް ކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުން ނަގާނީ 240 ޑޮލަރެވެ. އެއީ 165 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ އިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 480 ޑޮލަރު ނަގާނެ އެވެ. އެއީ ކުރިން ނަގަމުން އައި އަދަދަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ.