މި ހިނގާ އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހު އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކުގެ ބަދަލު ހިފަން އިޒްރޭލުން ތައްޔާރުވަމުން ދާ މަންޒަރުތައް ފެންނަ ފޮޓޯތައް ލީކްވި މައްސަލަ އެމެރިކާއިން ބަލަނަ ފަށައިފިއެވެ.

އެމެރިކާގެ ޖާޖޫސީ ސެޓެލައިޓްތަކުން ނަގާފައި ވާ ފޮޓޯތަކުން، އެނގޭ ގޮތުގައި އިޒްރޭލުން ގެންދަނީ އެމީހުންގެ އަތުގައި ހުރި ބައެއް ހަތިޔާރު އީރާނަށް ހަމަލާ ދިނުމަށްޓަކައި އެ ކަމަކަށް ހާއްސަ ކުރެވޭ ތަންތަނަށް ގެންދަމުންނެވެ.

'ޓޮޕް ސީކްރެޓް' ޖަހާ ތައްޔާރު ކޮށްފައިވާ ރިޕޯޓު ލީކްވެފައި ވާ އިރު އެކަން ހިނގި ގޮތް ބަލަމުން ދާ ކަމަށް ހައުސް އޮފް ރެޕްރެޒެންޓޭޓިވް ގެ ސްޕީކާ މައިކް ޖޯންސަން އާ ހަވާލާދީ ބީބީސީ އިން ވަނީ ބުނެފައެވެ.

މި ރިޕޯޓަކީ 'ފައިވް އައިޒް' ގެ ނަމުގައި އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ނިއުޒީލެންޑް އަދި އޮސްޓްރޭލިއާ ހިމެނޭހެން ހަދާފައި އޮންނަ ޖަމާއަތަށް ހިއްސާ ކުރެވޭ ގޮތަށް ތައްޔާރު ކުރި ރިޕޯޓެކެވެ. އެނޫން އެހެން އެއްވެސް ފަރާތަކަށް އެ ލިބުން މަނާ ކޮށްފައި އޮއްވާ ލީކްވެފައި ވުމުން އެމީހުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

އީރާނުގެ ހަމަލާގެ ބަދަލު ހިފަން އިޒްރޭލުން ތައްޔާރުވަމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އިޒްރޭލުން ބުނަނީ ބަދަލު ހިފާނެ ކަމަށާއި ހަމަލާ ވަރުގަދަ ވެފައި އަމާޒު ވާނެ ކަމަށެވެ. މި އާއެކު އެމެރިކާއިން ވަނީ އީރާނަށް ހަމަލާ ދިން ނަމަވެސް އެގައުމުގެ ނިއުކްލިއާ ފެސިލިޓީއަށް ހަމަލާ އަމާޒު ނުކުރުމަށް އެދި އިޒްރޭލަށް ގޮވާލާފައެވެ. މި ގޮވާލުމަށް އިޖާބަ ދީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާއެއް ނުދޭނެ ކަމަށެވެ.

ލީކްވި 2 ސޮފްހާގެ ޑޮކިއުމަންޓް ޝާއިއު ކުރީ އީރާނަށް ނިސްބަތްވާ ޓެލެގްރާމް ޗެނަލެއްގައެވެ. އެ ރިޕޯޓަކީ ޔޫއެސް ނެޝަނަލް ޖިއޯސްޕާޝަލް އިންޓެލިޖެންސް އެޖެންސީ އާއި ނެޝަނަލް ސެކިއުރިޓީ އެޖެންސީގެ އުފެއްދުމެއް ކަމަށް ބުނެއެވެ.