މާލީ ހިސާބުތައް އޮޅުވާލީ ރައީސް އޮފީހުގެ ނުފޫޒުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމުން އެވާހަކަ ތަކަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ރައްދުދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ މިއަދު މި ފެނިގެންދަނީ ކުރީ ސަރުކާރަށް ލިބުނު ސުޕަ މެޖޯރިޓީގެ ބޭނުންކޮށް ނަހަމަގޮތުގައި ކުރަމުން ދިޔަ ކަންކަން ފަސްއަޅާ ފޮރުވުމުގެ ނަތީޖާ ކަމަށެވެ.

މީގެއިތުރުން ކޮވިޑުގެ ދުވަސްވަރު ލިބުނު އެހީތަކުގެ ތަފްސީލުތައްވެސް ކުރީ ސަރުކާރުން ފޮރުވާފައިވާކަމަށް ވިދާޅުވެ ނައިބު ރައީސް ވިދާޅުވީ ގާނޫނާއި ހިލާފަށް ކޮށްފައިވާ ކަންކަމަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މާލީ ހިސާބުތައް ހާމަ ނުކުރަނީ ކުރީ އަހަރުގެ ހަރަދުތައް ފަހުން ރިކޯޑު ކުރުމުން ހިސާބުތައް ދިމާ ނުވާތީ ކަމަށް ބުނެ މި ސަރުކާރުން ހަދަމުން ދަނީ ބޮޑެތި ދޮގުތައް ކަމަށް ވިދާޅުވެފައެވެ. އަދި ޕްރޮޖެކްޓްތަކާއި ގުޅޭ ޑިސްބާސްމަންޓްސްތައް ހިނގަމުންދާ އަހަރުގެ ތެރޭ ރިކޯޑު ކުރުމުން ހިސާބުތައް ދިމާ ނުވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ މިހާތަނަށް ވެސް މާލީ ހިސާބުތައް ބަލަހައްޓަމުން އައި ގޮތް ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނިންމާފައިވުމުން އެކަމަށް އިޝާރަތް ކުރައްވާ އަމީރު ވިދާޅުވީ އޮޅުވާނުލާވެސް ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅިދާނެ ކަމަށާއި، އަހަރު ވެގެންދާއިރު ހިންގުނު އެއްވެސް ތަރައްގީގެ މަޝްރޫއެއް ނެތް ކަމަށެވެ.

ތަފާސް ހިސާބުތައް ޝާއިއު ނުކޮށް އެއްވެސް މަޝްރޫއެއް ނުހިނގާ އިރުވެސް، ބަޖެޓުގެ ހަރަދު ބޮޑުވެ، އިސްރާފުތައް ގިނަވެ އަސްލު ހަގީގަތް އޮޅުވާލަން. 49.9 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވިއިރު ހާލަތައް ހެޔޮ ބަދަލެއް އައީ ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ހާހުން ތިބި މީހުންނާއި ކުންފުނި ތަކުގައި ތިބި އެކްޓިވިސްޓުންނަށް އެކަނި،
އިބްރާހިމް އަމީރު

މިދިޔަ ހިނިހިރު ދުވަހު ރައީސްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަހްމަދު އުޝާމް ވަނީ ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުގެ ތެރެއަށް މިދިޔަ އަހަރުގެ މާލީ މުއާމަލާތްތަކުގެ 2 ބިލިއަނެއްހާ ރުފިޔާ ނުވައްދާ ހުރިކަމަށާއި މި މައްސަލަ ބަލަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިިދިޔަ ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓުގެ ކަންކަން ހިންގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި، މިއަދު ދިމާވެފައިވާ މާލީ ބޮޑެތި މައްސަލަތަކުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ބަލާ ފިޔަވަޅު އަޅަން ޖެހޭ ފަރާތް ތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ އުޝާމް ވިދާޅުވީ، މި ފައިސާގެ އަދަދުތައް މިއަހަރުގެ ހިސާބުތަކުގެ ތެރެއަށް ވެއްދުމަކީ ގާނޫނީ ގޮތުން މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.