ފަލަސްތީނުގެ ގާޒާގެ އުތުރުގައި އޮންނަ ޖަބަލިއާއަށް، ހައްދުފަހަނަޅާފައިވާ އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އާޓިސްޓް މަހާސެން އަލް ހަތިބް (31އ) ޝަހީދުވެފައި ވާއިރު، މިހަމަލާގެ ކުރިން އޭނާ ވަނީ ސޯޝަލް މީޑިއާގައި މާނަ ފުން ކުރެހުމަކާއެކު ޕޯސްޓެއް ހިއްސާ ކޮށްފައެވެ.

އިއްޔެ އިޒްރޭލުން، ޖަބަލިއާއަށް ދިން ހަމަލާގައި ޝަހީދުވި 21 އަންހެނުންގެ ތެރޭގައި ހިމެނޭ މަހާސެން މިދިޔަ ޖެނުއަރީ މަހު އޭނާގެ ފޮޓޯއަކާއެކު ކުރި ޕޯސްޓެއްގައި ބުނީ އަހަރެން މަރުވި ނަމަވެސް އަހަރެންގެ ފޮޓޯއެއް ފެންނަން ހުންނާނެ ކަމަށެވެ.

އިއްޔެ އިޒްރޭލުގެ ހަމަލާގައި މަހާސެން ޝަހީދުވުމުގެ ގަޑިއެއްހާއިރު ކުރިން، އިޒްރޭލުން ދިރިހުއްޓާ އަންދާލި އުމުރުން 19 އަހަރުގެ ޝަބާން އަލް ދާލޫގެ ހަނދާނުގައި އޭނާގެ އެންމެ ފަހުގެ އާޓްވޯކް ޕޯސްޓް ކުރިއިރު، ކެޕްޝަންގައި ލިޔެފައި ވަނީ “މީހަކު އަނދައިގެން ދާ މަންޒަރު ފެނުމުން ތިބާއަށް ކުރެވޭނީ ކޮންކަހަލަ އިހްސާސެއްކަން ބުނެދޭށެވެ". މިހެންނެވެ.

ފަލަސްތީނުގެ އާޓިސްޓް މަހާސެން ކުރަހާފައިވާ ތަސްވީރު

މީގެ އިތުރުން އިޒްރޭލުން ގާޒާގެ ރައްޔިތުން ހިމާޔަތް ހޯދި ހޮސްޕިޓަލެއްގެ ޓެންޓްތަކަށް ބޮން އަޅާ ފަލަސްތީނުގެ ރައްޔިތުން ދިރިތިއްބާ އަންދާލި މަންޒަރު ފެންނަ ކުރެހުމެއް ޓްވީޓުކޮށް މަހާސެން ވަނީ ވަރަށް ކުރު ޕޯސްޓެއް ކޮށްފައެވެ. 'އުދަނގޫ ރޭގަނޑެއް' އެކަނި ޖެހުމަށް ފަހު މަހާސެން ކުރި ޕޯސްޓުގައި ފަލަސްތީނުގެ ރައްޔިތުންގެ ޝުއޫރު އެކުލެވިގެންވާ އިރު، މިއީ މާނަފުން ހިތްދަތި ޕޯސްޓެކެވެ.

އިލަސްޓްރޭޝަން އަދި ކެރެކްޓާ ޑިޒައިން އަށް ހާއްސަ މަހާސެން އާޓަށް ޝައުގުވެރިކަން އުފެދުނީ ކުޑައިރުއްސުރެ ނަމަވެސް ކުރިއަރާ ދިއުމަކީ އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. އާއިލާއާ އެކު ދިރިއުޅެމުން، ވަޒީފާ އަދާކޮށް ކުރިމަތިވި ގޮންޖެހުންތަކާ އަދި ގިނަ ދަތިތަކެއް ހުރި ނަމަވެސް ފަންނާނަކަށް ވުމުގެ ހުވަފެން އެންމެ ފަހު ނޭވައާ ހަމައަށްވެސް އޭނާ ދޫކޮށް ނުލައެވެ. އޭނާގެ މަސައްކަތަކީ ހަމައެކަނި އާމްދަނީ ހޯދުމުގެ ވަސީލަތެއް ނޫނެވެ. އެއީ އެހެންމީހުންނާ ގުޅުވާލަދޭ ހިޔާލުފާޅުކުރުމުގެ ވަސީލަތެކެވެ.

https://www.instagram.com/standing.together.english/p/DBTG-Wata9w/

މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ކުރިން އޭނާ ހުރީ އޭނާގެ ފަންނުވެރި ދަތުރުގެ އެންމެ މަތީ ދަރަޖައިގައެވެ. އޭނާގެ ދިރިއުޅުން ޑިޖިޓަލް އިލަސްޓްރޭޝަން އަށް އުކާލާފައި، ގިނަ ބަޔަކު ހަމައެކަނި ހުވަފެނުގައި ދެކޭ ފެންވަރަކަށް ވާސިލް ވެފައިވެއެވެ. ގާޒާ ހަނގުރާމަ ފެށުމުގެ ދެ ހަފްތާ ކުރިން، ގިނަ ދުވަސްތަކެއް ވަންދެން، ރައްކާކުރި ފައިސާއިން އަމިއްލަ ސްޓޫޑިއޯއެއް ހުޅުވުމަށް އިންވެސްޓް ކުރިއެވެ.

އެހެންނަމަވެސް ހައްދުފަހަނަޅާފައިވާ އިޒްރޭލުގެ ހަމަލާތަކުގެ ތެރެއަށް ހުރިހާ ކަމެއް ގެއްލިގެން ދިޔައެވެ. އޭނާގެ ސްޓޫޑިއޯއާއި، އޭނާގެ ކުރެހުންތަކާއި، އޭނާގެ ކުލަތަކާއި، އޭނާގެ ލޯބިވާ ފިހިތަކާ، މިހުރިހާ ކަމެއް ވެސް ގެއްލިގެން ދިޔައީއެވެ. އެހާ ހިސާބުން ވެސް އޭނާ އުއްމީދު ކަނޑައެއް ނުލިއެވެ. އެންމެ ފަހު ވަގުތުވެސް ދުނިޔެއަށް ދޫކޮށްލީ ގާޒާގެ ހާލަތުގެ ފޮޓޯއެކެވެ.