މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު (62އ) ޝަހީދުކޮށްލާފައި ވާއިރު ހަމާސްއިން ވެސް ވަނީ މިހާރު މިކަން ޔަގީންކޮށްދީފައެވެ. ހަމާސް އުފެދުނު ދުވަހުން ފެށިގެން އެ ޖަމާއަތާއި ގުޅިގެން އުޅުނު ހަނގުރާމަވެރިއެއް އަދި ލީޑަރެއް ކަމުގައިވާ ސިންވާރު ހަމާސްގެ ލީޑަރު ކަމަށް އައްޔަން ކުރީ އެ ޖަމާއަތުގެ އެންމެ އިސް ލީޑަރު އިސްމާއީލް ހަނިއްޔާ މިދިޔަ ޖުލައި މަހު ޝަހީދުކޮށްލުމާއި ގުޅިގެންނެވެ.

ޔަހްޔާ ސިންވާރު އަކީ ކާކު؟

އަބޫ އިބްރާހިމްގެ ނަމުން ވެސް މަޝްހޫރު ސިންވާރަކީ 1962 ވަނަ އަހަރު ހާން ޔޫނިސްގެ ރެފިއުޖީ ކޭމްޕެއްގައި އުފަންވި މީހެކެވެ. އޭނާގެ އާއިލާ ޒަޔަނިސްޓް ގޭންގުތަކުގެ ސަބަބުން 1948 ވަނަ އަހަރުގެ ނަކްބާގެ ތެރޭގައި ގެދޮރު ދޫކޮށް ދިޔަ އާއިލާތަކުގެ ތެރެއިން އާއިލާއެކެވެ. 1982 ވަނަ އަހަރު އުމުރުން 20 އަހަރު ނުވަނީސް، ސިންވާރު ފުރަތަމަ ފަހަރަށް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކުރީ “އިސްލާމީ ހަރަކާތްތައް" ހިންގާ ކަމަށް ބުނެއެވެ. 1985 ވަނަ އަހަރު އަނެއްކާވެސް އޭނާ ހައްޔަރުކުރިއެވެ. ދެވަނަ ފަހަރަށް ޖަލުގައި ހޭދަކުރި ދުވަސްވަރު ހަމާސްގެ ބާނީ ޝެއިހް އަހުމަދު ޔާސިންއާ ބައްދަލުވެ ގާތްގުޅުމެއް އުފެދިގެން ދިޔައެވެ.

ޔަހްޔާ ސިންވާރު

އުމުރުން 25 އަހަރުގައި އޭނާ ވަނީ ހަމާސްގެ އެތެރޭގެ ސަލާމަތީ ޖަމިއްޔާ އަލްމަޖްދު އުފެއްދުމަށް އެހީތެރިވެދީފައެވެ. އިޒްރޭލާ ގުޅިގެން މަސައްކަތްކުރި ފަލަސްތީނުގެ މީހުންނާ މުއާމަލާތް ކުރުމުގައި އެއްބަސްވުމެއް ނެތް ނަން ހޯދައިފަ އެވެ.

ސިންވާރު ވަނީ އިޒްރޭލުގެ ޖަލުގައި 22 އަހަރު ހޭދަކޮށްފައެވެ. އޭނާ މިނިވަން ވީ 2011 ވަނަ އަހަރު ފަލަސްތީނާ، އިޒްރޭލުގެ ގައިދީން ބަދަލުކުރުމުގެ ތެރެއިންނެވެ. އިޒްރޭލުގެ ހައްދުފަހަނަޅާފައިވާ އަމަލުތައް ހުއްޓުވާ، ހަނގުރާމަ ހުއްޓުވާލުމަށް ކުރި މަޝްވަރާތަކުގައިވެސް ޔަހްޔާ ސިންވާރު އިސްކޮށް ހަރަކާތްތެރިވިއެވެ.

އިޒްރޭލުން ސިންވާރު މަރާލަން މަސައްކަތް ކުރަމުން އަންނަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިސްވެ އޮވެގެން އިޒްރޭލަށް ދިން ހަމަލާ ރޭވި ކަމަށް ތުހުމަތުކޮށެވެ. އެ ހަމަލާގައި 1،139 މީހުން މަރުވެ ގާތްގަނޑަކަށް 250 މީހުން އަޅުވެތިކޮށްފައިވެއެވެ.

އެ ދުވަހުން ފެށިގެން އިޒްރޭލުން އަންނަނީ ސިންވާރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުނ ފެބްރުއަރީ މަހު އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ސިންވަރު އޭނާގެ އަންހެނުންނާއި ދަރިންނާއި ބޭބެ އިބްރާހިމްއާއެކު ހާން ޔޫނިސްގެ ޓަނަލް ކޮމްޕްލެކްސްއެއްގައި ފެންނަ ކަމަށް ބުނާ ތަސްވީރުތައް ހިއްސާކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތަސްވީރުތައް ނަގާފައިވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާއަށް ފަހު ދުވަސްކޮޅެއް ފަހުންނެވެ.

ސިންވަރު މަރާލީ ކިހިނެއް ހެއްޔެވެ؟ އެއީ ވަކި އޮޕަރޭޝަނެއްގެ ބައެއް ހެއްޔެވެ؟

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން ބުދަ ދުވަހުގެ މެންދުރު 2 އާއި 3 އާ ދެމެދުގެ ވަގުތެއްގައި އިސްރާއީލު ސިފައިންގެ ބިސްލާޗް ބްރިގޭޑް ޓްރެއިނިން ޔުނިޓުން ޕެޓްރޯލް ކުރަމުން ދިޔައީ ރަފާހުގެ ޓަލް އަސް-ސުލްތާން އަވަށް ބަލާ ފާސްކުރުމަށެވެ. އެމީހުންނަށް ފެނުނީ ކުޑަ ގްރޫޕެއްގެ މުޖާހިދުން އިމާރާތްތަކުގެ މެދުގައި ހަރަކާތްތެރިވަމުން ދިޔަތަނެވެ. އެ ގުރޫޕުގައި ސިންވަރުވެސް ހިމެނެއެވެ.

ޔަހްޔާ ސިންވާރު ޝާހިދުކޮށްފައިވަނީ އިމާރާތެއްގެ ތެރޭގައި ހުއްޓާ

ހަމާސްގެ މުޖާހިދުން ތިބި ތަންތަން ދެނެގަތުމަށް އެހީތެރިވުމަށް ޑްރޯންތައް ބޭނުންކޮށްގެން ޕެޓްރޯލުކޮށް، ބަޑިން ދިން ހަމަލާގައި ތިން މުޖާހިދުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން އެއް ހަނގުރާމަވެރިއަކު، ހަލާކުވެފައިވާ އިމާރާތަކަށް ވަދެފައިވާއިރު އޭނާގެ ފަހަތުން ޑްރޯންއެއް ވަނީ ފޮނުވާފައެވެ. މޫނު ނިވާކޮށްގެން ހުރި ސިންވާރު ހަލާކުވެފައި ހުރި ގޮނޑިއެއްގައި އިށީދެގެން އިންއިރު އޭނާގެ އެއް އަތްވަނީ ހަލާކުވެފައެވެ. އެހެންނަމަވެސް އެ ހާލަތުގައިވެސް ޑްރޯން އާއި ދިމާލަށް އޭނާ އަތުގައި އޮތް ދަނޑިގަޑެއް އެއްލިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ސިންވަރުގެ އެންމެ ފަހު ވަގުތުވެސް ހޭދަކުރީ ފަލަސްތީނުގެ ހައްގުގައި ޖިހާދުކުރުމުގައެެވެ.