މާލޭގެ ސޯސަންމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ގާއިމްކޮށްފައިވާ ސަބްސްޓޭޝަންގެ ކެޕޭސިޓީ އިތުރުކުރުމަށް އާ ޓްރާންސްފޯމަރެއް ބަހައްޓައިފިއެވެ.

ސްޓެލްކޯ އިން ބުނީ، ކަރަންޓުގެ ހިދުމަތުގެ ދެމެހެއްޓެނިވި ކަން އިތުރަށް ކަށަވަރުކޮށް މާލޭގެ މަތިވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށް ދިނުމަށާއި ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ގާއިމްކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުުރުކުރުމަށް އެތަނުގައި 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް ބަހައްޓާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

މީގެ ކުރިން އެތަނުގައި ހުރީ 630 ކޭވީއޭގެ ޓްރާންސްފޯމަރެކެވެ. 1500 ކޭވީއޭގެ ޓްރާންސްފޯމަރު ބަހައްޓާފައި ވަނީ އެތަނުގައި ކުރިން ހުރި ޓްރާންސްފޯމަރު ނެގުމަށް ފަހުގައެވެ.

މީގެ އިތުރުން ވެސް މާލޭގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ކޭޓާ ކުރުމަށް، ޑިސްޓްރިބިއުޝަން ވިއުގައިގެ ކެޕޭސިޓިީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.