މޯލްޑިވްސް މީޑިއާ ކައުންސިލަށް 10 މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި، ވޯޓުލުމަށް ރަޖިސްޓްރީ ވުމަށް ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ ވޯޓުލުމަށް ރަޖިސްޓްރޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންނާނީ، އޮކްޓޯބަރު 17 - 23 ދުވަސްތަކުގެ ހެނދުނު 09:00 ން ފެށިގެން މެންދުރު 13:30 އަށް ޔޫތު މިނިސްޓްރީ (ސޯޝަލް ސެންޓަރު) އިންކަމަށެވެ.

މީގެއިތުރުން، މި މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލަވާލާފައިވަނީ 10 މެންބަރުންގެ މައްޗަށެވެ. އެއީ އާންމު 3 މެންބަރުންނާއި މީޑިއާތަކުން 7 މެންބަރުންނެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށް ވާންޖެހެއެވެ. އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.

މީގެ އިތުރުން ވޭތުވެދިޔަ 2 އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެކަމަށާއި ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާ ބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގައި ބަޔާންކޮށްފައިވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އެއްވެސް މެމްބަރަކަށް ޖެހިޖެހިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.