އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ، ބިރުދައްކައި ފޭރުނު މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނާގެ ބަންދަަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މި މައްސަލަ އާއި ގުޅިގެން އިތުރު މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، މި ވީޑިއޯ އިން ފެންނަ ގޮތުން ދެ މީހަކު ފިހާރައަކަށްވަދެ ތޫނު ހަތިޔާރާ ލަކުނޑިގަޑެއް ބޭނުންކޮށްގެން ބިރު ދައްކާ މަންޒަރު ފެނިގެން ދެއެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިންވެސް އައްޑޫ ސިޓީގައި މިފަދަ މައްސަލަތައް ފެންމަތިވެފައިވާއިރު، އެ ސިޓީގެ ބައެއް އަވަށްތަކުގައި ވައްކަމުގެ މައްސަލަވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.