ލ.ގަން މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
2019 ވަނަ އަހަރު ލ.ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ހަވާލުވެހުރި، އެ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ކޮރަޕްޝަނުގެ ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ލ.ގަމު މަތިމަރަދޫ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރު ނަސްރުﷲ އަބްދުﷲ (ތަރިވިދާގެ، ލ.ގަން) ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހަ އިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ލ.ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރީ ލ.ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ހަވާލުވެހުރި، ނަސްރުﷲ ގެ އާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ.
މި މަސައްކަތް ހަވާލުކުރެވުނީ ފެނަކަ ކޯޕަރޭޝަނުގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދު 2019 އާ ހިލާފަށް، އާއިލީ މަސްލަހަތު އޮތްކަން ފެނަކަ ކޯޕަރޭޝަންއަށް އެންގުމެއް ނެތިއެވެ. އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، މަސައްކަތުގެ އެއްބަސްވުމުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާނުލައި، އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި އެދިފައިވެއެވެ.
ނަސްރުﷲ އަބްދުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަހުޤީޤުން ހޯދާފައިވާ ހޯދުންތަކުން ވަނީ އެނގިފައެވެ.