އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ، ބިރުދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ގެ ވަގުތެއްގައި ކަމަށެވެ.

މި ހާދިސާގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، މި ވީޑިއޯ އިން ފެންނަ ގޮތުން ދެ މީހަކު ފިހާރައަކަށްވަދެ ތޫނު ހަތިޔާރާ، ލަކުނޑިގަޑެއް ބޭނުންކޮށްގެން ބިރު ދައްކާ މަންޒަރު ފެނިގެން ދެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިންވެސް އައްޑޫ ސިޓީގައި މިފަދަ މައްސަލަތައް ފެންމަތިވެފައިވާއިރު، އެ ސިޓީގެ ބައެއް އަވަށްތަކުގައި ވައްކަމުގެ މައްސަލަވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.