ސިނގިރޭޓަށް ވުރެ ބޮޑަށް ކުޑަކުދިންގެ ތެރޭގައި ވޭޕް އަށަގަނތުން ބޮޑު ކަމަށާއި ވޭޕް ކުރުން މަނާ ކުރުމަކީ ކުޑަކުދިންގެ ތެރޭގައި ވޭޕްކުރުން އާންމުވެ، އުފެދޭ ނިކޮޓިން އެޑިކްޝަނާއެކު އެހެން އެޑިކްޝަނަށް ކުޑަކުދިން ހުށަހެޅޭ މިންވަރު ކުޑަކުރެވޭނެ ކަމެއް ކަމުގައި އެތެރެ ހަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
މުހައްމަދު އަލީ ވިދާޅުވީ، ވޭޕް ކުރުން މަނާ ކުރުމަކީ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށާއި މި ފިޔަވަޅުގެ ސަބަބުން ކަންކަން ހައްލުވެގެން ދާނީ މި ނިންމުން ތަންފީޒު ކުރެވިގެން ކަމަށެވެ. ވޭޕް ކުރުމުގައި ލިބޭ ގެއްލުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުހައްމަދު އަލީ ވިދާޅުވީ، ވޭޕްގެ ފްލޭވާތަކުގައި އެތައް ތަފާތު މާއްދާތައް އެކުލެވޭ ކަމަށާއި އެކި ފްލޭވާތަކުން ކުރާ ނޭދެވޭ އަސަރު ތަފާތު ކަމަށެވެ.
ބޭނުން ކުރެވޭ މިންވަރު ވެސް ގިނަ ފަހަރަށް ނޭނގުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ދެނެނުގަނެވޭ ކަމަށް މުހައްމަދު އަލީ ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު ވޭޕް ކުރުން މި މުޖުތަމައުގެ ކުޑަކުދިންގެ ތެރޭގައި އާންމުވެފައިވާ މިންވަރާ މެދު މުހައްމަދު އަލީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އެގޮތުން ބެލެނިވެރިން ވެސް ކުދިންނަށް ވޭޕް ހޯދައި ދޭ ކަމަށާއި، އަދި މިއީ މި މުޖުތަމައުގައި ކޫލް އެއްޗެއްގެ ގޮތުގައި ދެކޭ އެއްޗެއް ކަމަށް މުހައްމަދު އަލީ ފާހަގަ ކުރެއްވިއެވެ. ކުދިން މި ޑިވައިސް ސްކޫލްތަކަށް ވެސް ގެންދާ ކަމަށާއި އަދި އެކުދިންގެ ފަރާތުން އެހެން ކުދިން ވެސް ވޭޕް ބޭނުން ކުރާ ކަން މުހައްމަދު އަލީ ފާހަގަ ކުރެއްވިއެވެ. ސިނގިރޭޓަށް ވުރެ ބޮޑަށް ވެސް ވޭޕް ބޭނުން ކުރުން އާންމުވެފައިވާ ކަމަށާއި ވޭޕަކީ ވެސް ނިކޮޓިން އެކުލެވޭ އެއްޗެއް ކަމުން މި ބޭނުން ކުރުމުން އެޑިކްޝަނަށް މަގުފަހިވެގެންދާ ކަން މުހައްމަދު އަލީ ފާހަގަ ކުރެއްވިއެވެ.
ވޭޕް ކުރުން މަނާ ކުރުމުން އެޑިކްޝަން ކޮންޓްރޯލް ކުރެވޭނެ ކަމަށާއި، އަދި ވޭޕްގެ އެޑިކްޝަނުން އެހެނިހެން އެޑިކްޝަނަށް ހުށަހެޅޭ މިންވަރު ވެސް ދަށް ކުރެވޭނެ ކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ. ހަމައެއާއެކު މީގެ ސަބަބުން އެންމެ ބޮޑަށް މި ރައްކާތެރި ކުރެވެނީ ކުޑަކުދިން ކަމަށާއި އަންނަން އޮތް ޖީލުތައް ކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.
މިކަމާ ގިނަ ބަޔަކު ހިޔާލު ތަފާތު ވި ކަމުގައި ވީ ނަމަވެސް މީ ކުރިއަށް އަންނަން އޮތް ޖީލު ރައްކާތެރިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ގޮތުގައި ޑރ. ފާހަގަ ކުރެއްވިއެވެ.