ހުރިހާ މާނައެއްގައި އިޒްރޭލ ދިފާއު ކުރާނެ ކަމަށާއި އެކަން ކުރުމަށް ކެނޑިނޭޅި ކުރާ މަސައްކަތުގެ ދަށުން މާ މަތިން މިސައިލް ވައްޓާލައި ސިސްޓަމެއް އިޒްރޭލަށް ދޭން އެމެރިކާއިން ނިންމައިފިއެވެ.
އެމެރިކާގެ އުފެއްދުމެއް ކަމަށް ވާ ޓާމިނަލް ހައި އަލްޓިޓިއުޑް އޭޑިއާ ޑިފެންސް (ތާޑް) ސިސްޓަމް ނުވަތަ ބެޓެރިއަކީ، އިޒްރޭލުގައި މިހާރު ގާއިމު ކޮށްފައި ވާ މިސައިލުން ދިފާއުވާ ނިޒާމަށް ވުރެ ވަރުގަދަ ނިޒާމެކެވެ.
އެމެރިކާއިން އިޒްރޭލަށްޓަކައި ގުރުބާން ވަމުން މި ދަނީ، ދާދި ފަހުން އީރާނުން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުގައި ހުރި ދިފާއީ ނިޒާމުތައް ފޫއަޅުވާލުމާ ގުޅިގެންނެވެ. އެ ހަމަލާގައި އީރާނުން 180 ބެލެސްޓިކް މިސައިލް އިޒްރޭލަށް ފޮނުވާލި އިރު ބައެއް މިސައިލްތައް ވަނީ އިޒްރޭލުގެ ސިސްޓަމް ފޫއަޅުވާލައި އަމާޒަށް ވާސިލުވެފައެވެ. ނަމަވެސް އިޒްރޭލުން ގާއިމު ކޮށްފައި ހުންނަ ދިފާއީ ނިޒާމު ވަރުގަދަ ކަމުން، ގިނަ އަދަދެއްގެ މިސައިލްތައް ވަނީ ވައިގެ ތެރޭގައި ގޮވާފައެވެ.
އިޒްރޭލުގައި ދިފާއު މިހާރު ގާއިމު ކޮށްފައި ހުންނަނީ 3 ބަޔަކަށް ވާގޮތަށެވެ. ފުރަތަމަ ބަޔަކީ އަމާޒުވާ ކުރުތާސްތާ މިސައިލް އާއި ތިރިން އަމާޒުވާ ހަމަލާތައް ނައްތާލައި ނިޒާމެކެވެ. ދެވަނަ ބަޔަކީ މެދުރާސްތާ މިސައިލް ނައްތާލައި ނިޒާމެކެވެ. 3 ވަނަ ބަޔަކީ ދުރުރާސްތާ އަދި މާ މަތިން މިސައިލްތައް ނައްތާލައި ނިޒާމެކެވެ. ބޯތަށި ބައްޓަމަށް މުޅި އިޒްރޭލު ދިފާއު ކުރެވޭ ގޮތަށް މި ނިޒާމު ގާއިމު ކޮށްފައި ވަނިކޮށްވެސް އީރާނާއި ހޫތީން އަދި ހިޒްބުއްލޯ އިން ފޮނުވާލައި ހަމަލާތައް އިޒްރޭލަށް އަމާޒު ވެއެވެ.
އެމެރިކާއިން މި ފޯރުކޮށްދޭ އާ ސިސްޓަމާއެކު އިޒްރޭލުގެ ދިފާއު ވަރުދަގަކޮށް އިޒްރޭލުގައި ގާއިމުވެ ތިބޭ އެމެރިކާގެ ސިފައިންގެ އަދަދު އިތުރު ކުރަންވެސް އެގައުމުން ވަނީ ނިންމާފައެވެ. އެގޮތުން އިޒްރޭލަށް 6 ޓްރަކްގެ މައްޗަށް ހިމެނޭ ބެޓެރި (ސިސްޓަމް) ދޭނެ ކަމަށާއި އޭގެ އަގަކީ 1 ބިލިއަން އެމެރިކާ ޑޮލަރު ކަމަށް ބުނެފައި ވެއެވެ. އަދި އެ އޮޕަރޭޓް ކުރަން 100 ސިފައިން ބޭނުންވާ އިރު އެ ސިފައިންވެސް އިޒްރޭލަށް ދާނެ ކަމަށް ބުނެފައި ވެއެވެ.
އެމެރިކާއިން މި ނިޒާމު އިޒްރޭލުގައި ގާއިމު ކުރާ އިރު، އީރާނުގައި ހުރި މިސައިލް ތަކަކީވެސް ދެރަ މިސައިލްތަކެއް ނޫނެވެ. އެގޮތުން އީރާނުގައި ތިބެގެން ރާއްޖެ އާ ދާދި ގާތަށް ހަމަލާ ދެވޭވަރުގެ ރާސްތާ ހުރި މިސައިލް އީރާނު އަތުގައި އެބަހުއްޓެވެ. އެގޮތުން 300 ކިލޯމީޓަރުން ފެށިގެން ގޮސް 2000 ކިލޯމީޓަރުގެ ރާސްތާ ހުރި މިސައިލް އީރާނު އަތުގައި ހުރި އިރު، އިޒްރޭލަށް މެދުއިރުމަތީގައި އޮތް އެންމެ ބޮޑު ބިރަކީ އީރާނެވެ.