ވޭޕާއި އެއާ ގުޅޭ ތަކެތި މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ކުރިއަށް އޮތް ޖީލުތައް ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭޕު މަނާކުރަން ސިއްހީ މާހިރުންނާއި މަދަނީ ޖަމިއްޔާތަކުން ގޮވާލަމުންދާތާ އެތަކެއް އަހަރުތަކެއް ވެފައިވާކަމަށާއި ނަމަވެސް މިކަންތައް މަނާކުރަން ކުރީގެ ސަރުކާރުތަކުން ނުކުޅެދިފައިވާކަމަށެވެ. އެއާއެކު ޕީއެންސީ އިން ވަނީ މިފަދައިން ނިންމެވި ކަމަށްޓަކައި ރައީސް މުއިއްޒުއަށް ޝުކުރު ދަންނަވާފައެވެ.

ޕީއެންސީ އިން ބުނީ ދުނިޔޭގެ އެކި ހިސާބުތަކުން ހަދާފައިވާ ދިރާސާތަކުންވެސް ވޭޕަކީ ދުންފަތުގެ އެހެނިހެން ބާވަތްތަކަށްވުރެ ނުރައްކާތެރި އެއްޗެއްކަމަށާއި، އޭގެ ސަބަބުން ޒުވާނުންގެ ފުއްޕާމެއަށް ގެއްލުންވެ ފުރާނައަށް ނުރައްކާވާކަން ރެކޯޑުކުރެވިފައިވާކަމަށެވެ.

މީގެއިތުރުން ވޭޕުގެ އެކި ބައިތައް ބޭނުންކޮށްގެން މަސްތުވާތަކެތި ކުޑަކުދިންނާއި، ޒުވާނުންގެ މެދުގައި ފަތުރަމުންދާކަމަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށްވެސް އައިސްފައިވާ ކަން ފާހަގަކުރަމުން ޕީއެންސީ އިން ބުނީ ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ވެސް ރައީސް މަނާކުރެއްވުމަކީ ދިވެހި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ވެސް މަނާކޮށް އެކަން ފެށޭ ތާރީހަކީ ޑިސެމްބަރު 15، 2024 ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.