ވޭޕާއި އެއާ ގުޅޭ ތަކެތި މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުން ތަންފީޒު ކުރަން މި ހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވާނެ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ރައީސް ނިންމެވި ނިންމެވުމަށް މަރުހަބާ ވިދާޅުވާކަމަށެވެ. އަދި ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކާ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ދާކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އުޝާމް ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ވެސް މަނާކޮށް އެކަން ފެށޭ ތާރީހަކީ ޑިސެމްބަރު 15، 2024 ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ކަމާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ވޭޕް ކުރުމަކީ މަސްތުގެ މަގަށް ދިވެހި ދަރިން އަނބުރާލައި ފަސޭހަ ގޮތެއް ކަމަށާއި މިއަދު ރައީސް ނިންމެވި ނިންމެވުމަކީ ތާއަބަދަށް މި ގައުމު ޝުކުރުވެރިވާނެ ކަމެއް ކަމަށެވެ.