ހެލްތް މިނިސްޓްރީ އާއި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރަމުންދާ އަންހެން މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، އިތުރު ގަޑީގެ އެލަވަންސް ހަމައަށް ދިނުމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަނުން ގޮވާލައިފިއެވެ.

އެ ޔޫނިއަނުން ބުނީ، ހެލްތް މިނިސްޓްރީ އަދި އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދާ އަންހެން މުވައްޒަފުންނަށް ސިވިލް ސާވިސް އިން ދެމުން އަންނަ "ފްލެކްސިބަލް ޑިއުޓީ" ހަމަޖައްސައި ދިނުން ހުއްޓާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ތެރޭގައި އަންހެން މަސައްކަތްތެރިން ގިނަ ކަަމަށާއި އެގޮތުން ސިއްހީ ދާއިރާގައި 65 ޕަސެންޓް ހިއްސާ ކުރަނީ އަންހެން މުވައްޒަފުން ކަމަށްވާއިރު، ނަރުހުންގެ ދާއިރާއަށް ބަލައިލި ކަމުގައި ވިޔަސް 90 ޕަސެންޓް މަސައްކަތްތެރިންނަކީ އަންހެނުން ކަމަށް އެ ޔޫނިއަނުން ފާހަގަ ކުރެއެވެ.

ހެލްތް މިނިސްޓްރީއާއި އައިޖީއެމްއެޗްގެ މުވައްޒަފުންނަށް ފްލެކްސިބިލިޓީ ޑިއުޓީ ހަމަޖައްސައި ދިނުން ހުއްޓާލުމަކީ އެ އަންހެނުންނާއި އެ މީހުންގެ ބެލުމުގެ ދަށުގައިވާ ތުއްތު ކުދިންނަށް އެ ކުދިންގެ އެތައް ހައްގުތަކެއް ގެއްލިގެން ދާނެ ކަމެއް ކަމަށް އެ ޔޫނިއަނުން ފާހަގަކުރެއެވެ. އަދި މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ ވަޒީފާއާ ގުޅުން ހުރި އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ހައްގެއް ކަން ވެސް އެ ޔޫނިއަނުން ފާހަގަ ކުރެއެވެ.

މީގެ އިތުރުން މާބަނޑު މީހުންނާއި ޅަދަރިމައިންނަކީ ލޭބާ ސްޓޭންޑާދްގެ ތެރެއިން ހާއްސަ ލުއިތަކެއް ލިބެން ޖެހޭ ބައެއް ކަމަށް ބުނި ކަމުގައި ވީ ނަމަވެސް ރާއްޖޭގައި ހިންގާ ބޮޑެތި ހޮސްޕިޓަލުތަކުގައި މުވައްޒަފުންނަށް އަރާމު ކުރެވޭނެ އިންތިޒާމުތައް ނެތުމާއި ޗައިލްޑް ކެއާ ފަދަ ހިދުމަތްތައް ހަމަޖައްސައި ދީފައި ނެތްކަން ވެސް އެ ޔޫނިއަނުން ފާހަގަ ކުރެއެވެ.

ރައްކާތެރި ސިއްހީ ހިދުމަތެއް ފޯރުކޮށް ދިނުމަށް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ޕޭޝަންޓް ޓު ސްޓާފް ރޭޝިއޯއަށް ސިއްހީ ދާއިރާގެ ހިދުމަތްތެރިން ހަމަކުރެވިފައި ނުވުމުގެ ސަބަބުން ކަނޑައަޅާފައިވާ ވަގުތަށް ވުރެ އިތުރަށް މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޔޫނިއަނުން ބުނެއެވެ. ގިނަ ވަގުތު މެދުކެނޑުމެއް ނެތި މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ބައިގެންދިއުމާއި، ޖިސްމާނީ އެތައް އަނިޔާއެއް ލިބި ދާއިމަށް ބޭސްކުރަން ޖެހޭ ފަދަ ވޭންތައް ތަހައްމަލު ކުރަން ޖެހޭ ހާލަތަށް މުވައްޒަފުންނަށް ކުރިމަތިވާ ކަން ވެސް އެ ޔޫނިއަނުން ވަނީ ފާހަގަ ކޮށްފައެވެ. އަދި ޑޮކްޓަރުގެ މެޑިކަލް ސެތްފިކެތް ހުށަހަޅާ ހާލަތްތަކުގައި ވެސް މެޑިކަލް ސިކް ލީވް ނުދީ މަސައްކަތަށް ނިކުތުމަށް ހޮސްޕިޓަލުން މަޖުބޫރުކޮށްފައިވާ ކޭސްތައް ވެސް އެ ޔޫނިއަނަށް ހުށަހަޅާފައިވާ ކަމަށް ބުނެފައި ވެއެވެ.

ސިއްހީ ހިދުމަތްތެރިން ލައްވާ އިތުރު ގަޑިގައި މަސައްކަތް ކުރެވޭނީ އަސާސީ މުސާރައިގެ 10 ޕަސެންޓް އަށް ވުރެ އިތުރު ނުވާ ގޮތަށް ކަމުގައި މިދިޔަ އަހަރުގެ މެއި މަހުގައި ތަންފީޒު ކުރަން ފަށާފައިވީ ޕޭ ފްރޭމް ވޯކްގައި ބަޔާންކޮށްފައި ވީ ނަމަވެސް އެ މުވައްޒަފުން ލައްވާ އެއަށް ވުރެ ގިނަ ވަގުތު ދަނީ މަސައްކަތް ކުރަމުން ކަމަށް އެ ޔޫނިއަނުން ބުނެއެވެ. އަދި ވަގުތަށް އެއްވެސް މުސާރައެއް ނުދޭ ކަމަށް ވެސް އެ ޔޫނިއަނުން ފާހަގަ ކުރެއެވެ.

މި ކަންބޮޑުވުންތަކާ އެކު އެ ޔޫނިއަނުން ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންނާ ގުޅުން ހުރި ނިންމުންތައް ނިންމާއިރު، އެ ޔޫނިއަންގެ ލަފާ އާއި މަޝްވަރާއާއެކު މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިވާނެ ހެން ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާއަކަށް ގޮވާލާފައެވެ. އަދި ޕޭޝަންޓް ޓު ސްޓާފް ރޭޝިއޯއަށްސިއހްީ ދާއިރާގެ ހިދުމަތްތެރިން ހަމަ ކުރުމަށާއި އިތުރު ގަޑީގެ އެލަވަންސް ހަމައަށް ދިނުމަށް ވެސް އެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި މުވައްޒަފުންނަށް އަރާމު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި ޗައިލްޑް ޑޭ ކެއާ ހިދުމްތަ ވެސް ހަމަޖައްސައި ދިނުމަށް އެ ޔޫނިއަނުްނ ވަނީ ގޮވާލާފައެވެ.