ޓެކްސީއެއްގެ ތެރޭގައި ހުރި ކުކުޅުތަކަކާއި ޗިކަން ނަގެޓްސް ތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލޭން ހުޅުމާލެ ލަކުޑި ޖެޓީއަށް ދަތުރުކުރި ޓެކްސީއެއްގެ ޑިކީ ތެރެއިން ގަނޑުކުރި ކުކުޅުތަކަކާއި، ޗިކަން ނަގެޓްސްގެ އިތުރުން ފިޔާތަކެއް ފެނިފައި ވާކަމަށެވެ.

ފުލުހުން ބުނީ މިތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިއާއެކު ފުލުހުން ވަނީ މި ތަކެތީގެ ވެރިފަރާތުން ހުޅުމާލެ ފޭސް 1ގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް އެދިފައެވެ.

ފުލުހުން ބުނީ މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ ހުޅުމާލެ ފޭސް 1ގެ ޕޮލިސް ސްޓޭޝަން ނަންބަރު 9980062 އަށް ގުޅުއްވާ މައުލޫމާތު ސާފު ކުރުމަށެވެ.